މެމްބަރު ޝަރީފަށް ޕީޕީއެމްގެ ޓިކެޓް ލިބި، މެޓްރިކްސް މޯޑަށް ޓިކެޓް ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު ޝަރީފް އެ ދާއިރާގެ ޓިކެޓް ދިފާއުކުރެއްވި އިރު، ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އަށް ޓިކެޓް ގެއްލިއްޖެ އެވެ. ވަގުތީ ނަތީޖާ އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައިވާ ނަތީޖާ ދައްކާ ގޮތުން، ތިމަރަފުށީ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ޝަރީފެވެ. ހިތަދޫ މެދު ދާއިރާގެ ޓިކެޓް، އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް)އާ ވާދަކުރައްވައި، ކާމިޔާބު ކުރެއްވީ މަޖިލީހުގެ ކުރީގެ މެމްބަރު ހިޔަލީ މުހައްމަދު ރަޝީދެވެ. ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ އަލީ އިބްރާހިމް ކާމިޔާބު ކުރެއްވި އިރު، ހުޅުދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިގެންނެވީ މުހައްމަދު ޝާހިދަށެވެ. އަދި ފުވައްމުލަކު މެދު ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލީ ފަޒާދެވެ. މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ލުފްޝާން ޝަކީބް (ލޫއްޕެ) ބަލިކޮށް، މެދުހެންވޭރު ދާއިރާގެ ޕްރައިމަރީ ޓީވީއެމްގެ ކުރީގެ ޕްރެޒެންޓަރު އައިޝަތު ލީޒާ ކާމިޔާބު ކުރެއްވި އިރު، ކުރީގެ ފުޓްބޯޅަ ތަރި އަލީ އުމަރާ ވާދަކޮށް މައްޗަންގޮޅި އުތުރު ދާއިރާގެ ޓިކެޓް ހޯއްދެވީ ފިލްމް ޕްރޮޑިއުސަރު ފާތިމަތު ނަހުލާ އެވެ. އެހެން ނަމަވެސް، ޕްރެޒެންޓަރު އައިމިނަތު ނަމްޒާ އަށް ގަލޮޅު އުތުރު ދާއިރާގެ ޓިކެޓް ގެއްލުނީ އެ ދާއިރާގެ ޕްރައިމަރީ މަހީލް އަލީ ޖަލީލް ކާމިޔާބު ކުރެއްވުމުންނެވެ. މާފަންނު ދެކުނު ދާއިރާގެ ޓިކެޓް، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ރިފާއު (ބޮޗޭ) ކާމިޔާބުކުރެއްވީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލާ ވާދަކުރައްވަ އެވެ. ޔޫތު މިނިސްޓްރީގެ އަނެއް ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތާ ވާދަކުރައްވައި ތުލުސްދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު މުހައްމަދު ވަހީދު (ލޯޔަރު ވައްޑެ) ކާމިޔާބު ކުރެއްވި އިރު، މާފަންނުމެދު ދާއިރާގެ ޓިކެޓް އަސްމާ ރަޝީދު ހޯއްދެވުމުން ހޯމް މިނިސްޓްރީގެ ނައިބު މުހައްމަދު ހާނިމް ވެސް ވަނީ ޕްރައިމަރީން ނާކާމިޔާބުވެފަ އެވެ. އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސިއްދީގަށް ވެސް ވަނީ ފަރެސްމާތޮޑާ ދާއިރާގެ ޓިކެޓް ގެއްލިފަ އެވެ. އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މުހައްމަދު ލަތީފެވެ. މީގެ އިތުރުން، މާފަންނު ހުޅަނގު ދާއިރާގެ ޕްރައިމަރީ މުހައްމަދު ސިނާން ކާމިޔާބު ކުރެއްވި އިރު ހުޅުހެންވޭރު ދާއިރާގެ ޓިކެޓް ލިބިވަޑައިގަތީ ހަސަން ޒިޔަތަށެވެ. އަދި ފެލިދޫ ދާއިރާގެ ޓިކެޓް އަހްމަދު ތޯރިގަށް އަދި ގެމަނަފުށި ދާއިރާގެ ޓިކެޓް ޖަމީލް އުސްމާނަށް ވަނީ ލިބިވަޑައިގެންފަ އެވެ. ގެމަނަފުށި ދާއިރާގެ ޕްރައިމަރީ ޖަމީލް ކާމިޔާބު ކުރެއްވީ ޝީޝާ ކޮމްޕެނީގެ އެއް ޑިރެކްޓަރު އަހްމަދު ހަސަން މަނިކު (ޝީޝާ އަހްމަދު) އާ ވާދަކުރައްވަ އެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، ޕީޕީއެމުން މިއަދު ބޭއްވީ 25 ދާއިރާއެއްގެ ޕްރައިމަރީ އެވެ. އެއްތިރީސް ދާއިރާއެއްގެ ޕްރައިމަރީ މިއަދު ބާއްވަން ކުރިން ނިންމި ނަމަވެސް އޭގެ ތެރެއިން ހަ ދާއިރާއެއްގެ ޕްރައިމަރީ ވަނީ މާދަމާ އަށް ފަސްކޮށްފަ އެވެ. ޕީޕީއެމުން ބުނި ގޮތުގައި އެ ދާއިރާތަކުގެ ޕްރައިމަރީ ފަސްކުރީ ވޯޓު ރަޖިސްޓްރީގެ މައްސަލަތަކެއް ފާހަގަވެގެން ކަމަށެވެ. މާޗް 22ގައި ބާއްވާ މަޖިލިސް އިންތިޚާބުގައި ޕީޕީއެމުން 49 ދާއިރާއަކަށް ވާދަކުރާއިރު، އެ ޕާޓީގެ 17 ބޭފުޅަކަށް ވަނީ ޕްރައިމަރީއަކާ ނުލާ ޓިކެޓް ލިބިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ