ޓީއެފްޖީން ބާއްވާ ކޮކާކޯލާ ލޯންގް ރަން މާދަމާ ހަވީރު

"އެންމެން ވެސް ދުވާނެ" މި ޝިޔާރުގެ ދަށުން ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ ކޮކާކޯލާ ލޯންގް ރަން ހުކުރު ދުވަހު ހަވީރު ހުޅުމާލޭގައި ފަށަން ތައްޔާރުވެއްޖެ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް ހިންގާ ޓީއެފްޖީ އާއި ކޮކާކޯލާ ގުޅިގެން ބާއްވާ މި ދުވުމުގައި 225 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހާފް މެރެތަން ނުވަތަ 21 ކިލޯމީޓަރު ދުވުމުގައި ބައިވެރިވި 61 ފަރާތާއި 10 ކިލޯމީޓަރު ދުވުމުގައި ބައިވެރިވި 164 ފަރާތެކެވެ. ޓީއެފްޖީގެ ބިޒްނަސް ޑައިރެކްޓަރު މުހައްމަދު މިސްތޯހު (މިސްތޯ) ވިދާޅުވީ މިއީ ފިޓްނަސްގެ ހަރަކާތްތައް ޖިމްގެ ހަތަރު ފާރުން ބޭރަށް ނެރެ، ދުވުމަށް އާއްމުން އަހުލުވެރިކުރުމުގެ ގޮތުން ބާއްވާ އިވެންޓެއް ކަމަށެވެ. "އަޅުގަނޑުމެންނަށް ފާއިތުވި ދެ އަހަރު ތެރޭ ދުވުން ފިޔަވައި ކަސްރަތުގެ ވަރަށް ގިނަ ހަރަކާތްތައް ކުރިއަށް ގެންދެވިއްޖެ. އެކަމަކު ދުވުމަކީ އަޅުގަނޑުމެންގެ ޑީއެންއޭގައި ހުރި ކަމަކަށްވެފައި ކަސްރަތުގެ ހަރަކާތްތައް ހަތަރު ފާރުން ބޭރަށް ނެރުމުގެ ގޮތުން ދުވުމުގެ މިފަދަ އިވެންޓެއް މި ބާއްވަނީ،" މިސްތޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޭނުމަކީ ދުވަން އަލަށް ފަށާ މީހުންނާއި މިހާތަނަށް އެކަން ނުކުރެވި ތިބި މީހުންނަށް ހިތްވަރު ދިނުން ކަމަށާއި މިއީ އޭގެ ފެށުން ކަމަށެވެ. "އަޅުގަނޑުމެން މި ފަހަރުގެ ރޭހަށް 13 ދުވުންތެރިން ތަމްރީން ކުރިން. އޭގެ ތެރޭގައި ހިމެނޭ އަލަށް ދުވަން ފެށި މީހުން ވެސް. މިހާތަނަށް ވެސް އެ ފަރާތްތަކުން ބޮޑު ކުރިއެރުންތަކެއް ހޯދައިފި. އެއީ ބޭނުމަކީ. މިކަން ކުރަން ބޭނުންވާ ބަޔަކަށް ހިތްވަރު ދިނުން. މިއީ އެ މަސައްކަތުގެ ފެށުން،" މިސްތޯ ވިދާޅުވި އެވެ. ޓީއެފްޖީން ރޭހުގެ އެއްވެސް ވަނައެއް ނުހޮވާއިރު، ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް ވެސް ރޭސް ނިންމި ވަގުތު އެނގޭނެ ސެޓްފިކެޓަކާއި މެޑަލެއް ދޭނެ އެވެ. މިސްތޯ ވިދާޅުވީ ކާމިޔާބީއަކީ ރޭސް ނިންމުން ކަމަށެވެ. "އަޅުގަނޑުމެން އެއްވެސް ވަނައެއް ޕްރޮމޯޓެއް ނުކުރަން. ބޭނުމަކީ އެއްމެން ލައްވާ ވެސް ރޭސް ނިންމުވުން. ރޭސް ނިންމުން އެއީ ކާމިޔާބީއެއް ކަމަށް ބަލަންވީ. އެ އުފާވެރި އިހުސާސް ކުރަންވީ. އެކަމަކު ކުރިއަށް އޮތްތަނުގައި އެކަން ބަދަލުވާނެ. ރޭހުގެ ކުރީ ސަފަށް އަރައި ނިންމަން ބޭނުންވާ ބަޔަކު އަންނާނެ. އެކަމަށް އަޅުގަނޑުމެން ތައްޔާރުވާނަން،" މިސްތޯ ވިދާޅުވި އެވެ. ރޭހުގައި ޓީއެފްޖީގެ 27 ސްޓާފަކު ދުވާއިރު މިސްތޯ ވިދާޅުވީ ސްޓާފުންގެ ޑިއުޓީ އަކީ އެންމެ ފަހަތުގައި އޮންނަ މީހާ އަށް ވެސް ހިތްވަރު ދިނުން ކަމަށެވެ. "އަޅުގަނޑުމެންގެ ސްޓާފުން އެންމެ ކުރިން ނުނިންމާނެ. އެ ފަރާތުގެ ޑިއުޓީއަކީ އެންމެ ފަހަތުގައި އޮންނަ ދުވުންތެރިޔާ އަށް ވެސް ހިތްވަރު ދިނުން. އަޅުގަނޑުމެންގެ ސްޓާފުންގެ ފަރާތުން ފެންނާނީ ދުވަމުން އަދި ހިތްވަރު ދޭތަން،" މިސްތޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރޭސް ކުރިއަށް ގެންދިއުމަށް އެޗްޑީސީ އާއި ހުޅުމާލޭ ޕޮލިހާއި ހުޅުމާލޭ ހޮސްޕިޓަލް އަދި އެމްޓީސީސީގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. އަދި ރޭހުގެ ބައިވެރިންގެ އާއިލާއާ އެކު ހުޅުމާލެ އަށް އައިސް އުފާވެރި މާހައުލެއްގައި ދުވުން ފާހަގަކުރުމަށް އެދޭ ކަމަށް މިސްތޯ ވިދާޅުވި އެވެ. "އަޅުގަނޑުމެން ފެމިލީތަކަށް ވެސް ދައުވަތު ދެން. މާދަމާއަކީ ދުވުން ސެލެބްރޭޓްކުރާ ދުވަހަކަށް ހަދަންވީ އެއްމެން ވެސް،" މިސްތޯ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ