ކާނިވާ ސަރަޙައްދުގެ މައްސަލައިގައި ކޯޓުން ނިންމާ ގޮތަކަށް އަމަލު ކުރަން އޭސީސީން އަންގައިފި

ކާނިވަލް ސަރަޙައްދުގެ ބިމުގެ މައްސަލައަކީ ސިވިލް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކަށްވާތީ މައްސަލައިގައި ކޯޓުން ނިންމާ ގޮތެއްގެ މަތީން ޢަމަލު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން މާލޭ ސިޓީކައުންސިލަށް އަންގައިފި އެވެ.
އޭސީސީން މާލޭ ސިޓީ ކައުންސިލަށް މިހެން އަންގާފައިވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކާނިވަލް ސަރަޙައްދު ސަރުކާރަށް ނަގަން ނިންމާފައިވަނިކޮށް، އެ ސަރަޙައްދު ތަރައްޤީ ކުރަން އެ ކައުންސިލުން ބީލަމަށް ހުޅުވާލި މައްސަލައާއި އަދި ހުށަހެޅުނު ބީލަންތައް އިވެލުއޭޓް ކުރުމުގައި ޢަމަލުކޮއްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، ވަކިބަޔަކަށް ފައިދާ ހޯދައިދިނުމަށް ކަމަށްބުނެ އޭސީސީއަށް ހުށަހެޅުނު މައްސަލައެއް ތަހުޤީޤު ކުރުމަށްފަހުއެވެ.
މިމައްސަލަ ތަހުޤީޤު ކުރުމަށްފަހު އޭސީސީން ނެރެފައިވާ ބަޔާނެއްގައި މި ތަހުޤީޤުގައި ފާހަގަ ވެފައިވާ އިތުރު ދެކަމެއްވެސް ފާހަގަކޮއްފައިވެއެވެ.
އެގޮތުން ބިން ތަރައްޤީ ކުރުމަށް ބީލަމަށް ހުޅުވާލައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، ވަކިބަޔަކަށް ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްދީފައިވާކަމަށް ބުނާ މައްސަލަ ތަހުޤީޤު ކުރުމަށްފަހު އެ ކޮމިޝަނުން ނިންމާފައިވަނީ އެކަން ސިޓީ ކައުންސިލްގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ. ނަމަވެސް ބީލަން އިވެލުއޭޓް ކުރިއިރު 13 ނަންބަރު ޕްލޮޓަށް ޕޮއިންޓް ދެވިފައިވާ ގޮތަކީ ދައުލަތަށް ލިބޭ އާމްދަނީ ހިސާބުކޮށް ބެލޭނެ އެންމެ ރަނގަޅު ގޮތް ނޫންކަމުން، ކުރިން މި ޕްލޮޓަށް ހުށައަޅާފައިވާ ބީލަންތައް ކެންސަލްކޮށް، މި ޕްލޮޓް ކުއްޔަށް ދިނުމަށް އަލުން ހުޅުވާލުމަށް އޭސީސީން ވަނީ ސިޓީ ކައުންސިލަށް އަންގާފަ އެވެ.
މާލޭގެ އެކި ސަރަޙައްދުތަކުގައި ސިޓީ ކައުންސިލުގެ ދަށުގައިވާ ބައެއް ބިންތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ކެބިނެޓުން ނިންމުމާއި ގުޅިގެން ސިޓީ ކައުންސިލާއި ސަރުކާރާއި ދެމެދު ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިފައެވެ.
އދ. ދަނގެތީގައި އިންޑިޔާ ޓީޗަރަކަށް ވަޅިން ބިރު ދައްކައިގެން ރޭޕް ކުރި މައްސަލާގައި ފުލުހުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޗީޕް އިނިސްޕެކްޓަރު މުހައްމަދު ދާއޫދު ވިދާޅުވީ، މިތިން މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ދެ ފިރެހެނުންނާއި ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ.
ދާއޫދު ވިދާޅުވީ، އިންޑިޔާގެ ޓީޗަރު ރޭޕް ކުރަން ކޮޓަރިއަށް ވަދެފައިވަނީ ބަންގްލަދޭޝްގެ ފިރިހެން މީހާ ކަމަށާއި ޓީޗަރުގެ ކޮޓަރިން ގެއްލުނު ލެޕް ޓޮޕާއި ފޯނުގެ އިތުރުން އަންހެން މީހާއަށް ބިރުދެއްކި ކަމަށް ބެލެވޭ ވަޅިވެސް ބަންގްލަދޭޝްގެ މީހާ ދިރިއުޅޭ ކޮޓަރިން ފެނިފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކޮށްފައިވާ ދިވެހި ދެ ފިރިހެނުންނަކީ ސީދާ އެ އަމަލުގައި ބައިވެރިވާ މީހުންކަން އަދި ތަހުގީގަށް ސާބިތުވެފައި ނުވާ ކަމަށާއި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ މީހާ ލައިގެން ހުރި އެއްޗެހިން ލޭވެސް ފެނިފައިވާ ކަމަށް ދާއޫދު ވިދާޅުވި އެވެ.
ފުލުހުން ބުނީ މިހާރުވެސް ފޮރެންސިކް ޑިޕާޓްމަންޓުން މިމައްސަލާގައި ލިބިފައިވާ ހެކިތައް ބަލަމުންދާ ކަމަށާއި ވަރަށް އަވަހަށް މައްސަލަ ނިންމާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ