ހަތަރު ޖަމާއަތެއްގެ ބިޑްތައް އިވެލުއޭޓް ކުރަން ކޯޓުން އަމުރުކޮށްފި

ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް އައް ޖަމާއަތަކަށް ހުއްދަދީފައިވަނިކޮށް ޕްރޮޕޯސަލް ހުށަހަޅާ އިވެލުއޭޓްނުކުރި ހަތަރު ކުންފުނީގެ ޕުރޮޕޯސަލް އިވެލުއޭޓްކޮށް އެޖަމާއަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފުރުސަތު ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން މިރޭ ހުކުމްކޮށްފައި މިވަނީ ހައްޖަށް މީހުން ގެންދިއުމަށް ކޯޓާއަށް ކުރިމަތިލި ހަތަރު ކުންފުންޏަކުން ކުރި ދައުވާއަކާއި ގުޅިގެންނެެވެ.
އަލްމަނާސިކް ހައްޖު ގުރޫޕާއި، އަލްފަތުހުލް ހައްޖު އެންޑް އުމްރާއާއި، ސަފާ ހައްޖު އެންޑް އުމުރާ ގުރޫޕްގެ އިތުރުން ކްލެސިކް ހައްޖު އެންޑް އުމްރާ ގުރޫޕުން ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ މިއަހަރު ހައްޖަށް މީހުން ގެންދިއުމުގައި އައް ޖަމާއަތަކަށް ހުއްދަދިނުމުގައި ގެންގުޅެފައިވާ އުސޫލްތަކާއި މެދު ހިތްހަމަނުޖެހިގެންނެވެ.
ކުންފުނި ތަކުން ދައުވާ އުފުލާފައިވަނީ އެ ހަތަރު ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްތައް ބަލައިގަތުމަށްފަހު އިވެލުއޭޓުކޮށްފައި ނުވާތީއެވެ.
އެގޮތުން އެ ހަތަރު ކުންފުނިން ހުށަހަޅާފައިވާ ޕުރޮޕޯސަލްތައް އިވެލުއޭޓްކޮށްފައި ނުވާތީ އެއީ ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ އުސޫލާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން މިހަތަރު ކުންފުނީގެ ޕުރޮޕޯސަލް އިވެލުއޭޓްކޮށްފައި ނުވަނީ އެއީ އެ ކުންފުނިތަކުން ހުށައަޅާފައިވާ ލިޔުންތަކެއްކަން އިނގެން ނެތުމުން ކަމަށްވެސް މިިނިސްޓްރީން ބުނެއެވެ.
ނަމަވެސް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އިވެލުއޭޓް ކުރުމަށާއި، އެފަދައިން އިވެލުއޭޓް ކުރުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ސިވިލް ކޯޓުން މިރޭ މިހުކުމް ނެރެފައިވާއިރު ހައްޖަށް މީހުން ގެންދިއުމަށް ހަވާލު ކުރި އައް ކުންފުނިން މިހާރު ވަނީ ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައެވެ. އަދި ކުންފުނިތަކަށް ދޫކޮށްފައިވާ ކޯޓާތައް މުޅިން ވިކި ހުސްވެފައިވާ ކަމަށްވެސް ބައެއް ކުންފުނި ތަކުން ވަނީ ބުނެފައެވެ.
ހައްޖަށް މީހުން ގެންދިއުމަށް 17 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އައް ކުންފުންޏަކަށް ދީފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.
އެ މިނިސްޓްރީން ބުނީ ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށްޓަކައި ސައުދީއަރަބިއްޔާއިން ރަސްމީގޮތެއްގައި 1،000 ކޯޓާ ދީފައިވާ ކަމަށާއި އޭގެ ތެރެއިން 874 ކޯޓާ ހަވާލު ކުރީ އެވޯޑު ކުރެވުނު އައް ކުންފުންޏަށް ކަމަށެވެ.
އަދި ބާކީވާ 126 ކޯޓާ އިސްލާމިކް މިނިސްޓްރީން ހާއްސަ ކޮށްފައިވަނީ މިދިޔަ އަހަރު މަލީޝާ ހައްޖު ޖަމާއަތުގައި ހައްޖަށް ދިއުމަށް ފައިސާ ދެއްކުމުން އެކުންފުނިން އެފައިސާއަށް ހިޔާނަތްތެރިވުމާއި ގުޅިގެން ހައްޖަށް ނުދެވި ތިބި ފަރާތްތަކަށެވެ.
މިފަހަރު ހައްޖަށް ދިއުމަށްޓަކައި މީހެއްގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 67،000 ރުފިޔާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ