"ޒައިދު ފިއުޗަ އެނާޖީ ޕްރައިޒް 2015" އަށް އައްޑޫ ހައި ސްކޫލް ޝޯޓްލިސްޓް ވެއްޖެ

ކޮންމެ އަހަރަކު ވެސް ދެމުން އަންނަ "ޒައިދު ފިއުޗަ އެނާޖީ ޕްރައިޒް 2015" ގެ ހައި ސްކޫލް ކެޓަގަރީން ޝޯޓްލިސްޓްވި ސްކޫލްތަކުގެ ތެރޭގައި އައްޑޫ ހައި ސްކޫލް ހިމެނިއްޖެ އެވެ. ގްރޭޑް 11-12 އަށް ކިޔަވައިދޭ އައްޑޫ ހައި ސްކޫލް އެ އެވޯޑަށް ޝޯޓްލިސްޓްވީ އިޔާދަކުރަނިވި ހަކަތަ އަށް ދޭ ސަމާލުކަން އިތުރުކޮށް، އެކަމާ ގުޅޭ ތަފާތު މަސައްކަތްތައް ކުރަމުން އަންނާތީ އެކަން ފާހަގަކޮށްފަ އެވެ. މި އެވޯޑް ދެނީ އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރުމަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް ޓެކްނޮލޮޖީ އުފެއްދުމަށް ބާރު އެޅުމުގެ ގޮތުން އަބޫދާބީގެ ކުރީގެ އަމީރު ޒައިދު ބިން ސުލްތޯން އަލް ނަހްޔާންގެ ހަނދާނުގަ އެވެ. "ޒައިދު ފިއުޗަ އެނާޖީ ޕްރައިޒް" އަށް ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލް ޝޯޓްލިސްޓް ވުމާ ގުޅިގެން، އެ އެވޯޑްގެ ސިލެކްޝަން ގްރޫޕްގެ ޓީމެއް އަންނަ ހޮނިހިރު ދުވަހު އައްޑު އަށް އައިސް އައްޑޫ ހައި ސްކޫލާ ގުޅޭ އިތުރު އިވެލުއޭޝަންތަކެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އެވޯޑް ދިނުމުގެ ކުރިން ހަދާ އެންމެ ފަހުގެ އިވެލުއޭޝަނެވެ. މިކަމާ ބެހޭ ގޮތުން އިތުރު އެއްވެސް ތަފުސީލެއް ދޭން އައްޑޫ ހައި ސްކޫލުން އަދި ބޭނުމެއް ނުވެ އެވެ. އައްޑޫ ހައި ސްކޫލްގެ ފުރާޅުގައި މިދިޔަ މަހު ސޯލާ ޕެނަލް ހަރުކުރަނީ.---ފޮޓޯ: އައްޑޫ ހައި ސްކޫލް "ހައި ސްކޫލް" ކެޓަގަރީން އައްޑޫ ހައި ސްކޫލާ އެކު އޭޝިއާ ސަރަހައްދުން ދެން ޝޯޓްލިސް ވީ ޔޫއޭއީގެ އަމްރާ ބިންތު އަބްދުއްރަހުމާން ސެކަންޑްރީ ހައި ސްކޫލް ފޯ ގާލްސް، ރޯޔަލް ކޮލެޖް، އިންޑިއާގެ ރިޝީ ވެލީ އެޑިއުކޭޝަން ސެންޓަ އެންޑް ހައި ސްކޫލެވެ. މީގެ އިތުރުން އެފްރިކާ އަށް ނިސްބަތްވާ އަބާރްސޯ ސްކޫލް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ، އެލައިންސް ގާލްސް ހައި ސްކޫލް، ވޯޓަފޯޑް ކަމްލާބާ އާއި އެމެރިކާގެ މުންރޯ އެކަޑެމީ، ކޮލީޖޯ ރޫސެވެލްޓް އެލް ޕަލޯމަރު ވެސް ނޮމިނޭޓްވެފައިވެ އެވެ. އަދި އޮސްޓްރޭލިއާގެ މެލްބަން ގާލްސް ސްކޫލާއި ލޫމޭ ރޫރަލް ޓްރޭނިން ސެންޓަރު ވެސް ނޮމިނޭޓްވެފައިވެ އެވެ. ޔޫރަޕް ސަރަހައްދުން މި އެވޯޑަށް ނޮމިނޭޓްވެފައިވާ ހަމައެކަނި ސްކޫލަކީ ނިއުޒިލެންޑްގެ ކެޝްމެއާ ހައި ސްކޫލެވެ. ތިމާވެއްޓަށް އެކި ފެންވަރުގައި އެކި ގޮތްގޮތަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށްދޭ އެވޯޑަށް ވަނީ 31 ފަރާތެއް ޝޯޓްލިސްޓްކޮށްފަ އެވެ. މި އެވޯޑް ދިނުން އޮންނާނީ އަބޫދާބީގައި ޖެނުއަރީ 19، 2015ގަ އެވެ. ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ދޭ އެވޯޑުގެ ފަނޑިޔާރުންގެ ޕެނަލްގައި ރާއްޖޭގެ ކުރީގެ ރައީސް ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދުގެ އިތުރުން އިނާމުގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އައިސްލޭންޑްގެ ރައީސް އޯއާރު ގްރިމްސަން އާއި ސައުތު ކޮރެއާގެ ކުރީގެ ރައީސް ހަން ސުން ސޫ އާއި ހޮލީވުޑްގެ އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ ހިމެނެ އެވެ. އަދި މީގެ އިތުރުން ވެސް މަޝްހޫރު ބައެއް ބޭފުޅުން ހިމެނެވަޑައިގަނެ އެވެ. އައްޑޫ ހައި ސްކޫލުން ވަނީ އެއީ ރާއްޖޭގެ ފުރަތަމަ ކާބަން ނިއުޓްރަލް ސްކޫލަށް ހެދުމުގެ މަޝްރޫއެއް ފަށައިފަ އެވެ. އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ވެށި"އާ ގުޅިގެން ސްކޫލްގައި ސޯލާ ޕެނެލް ހަރު ކުރުމުގެ މަޝްރޫއެއް މިއަހަރުގެ ކުރީކޮޅު ވަނީ ފަށައިފަ އެވެ. އެގޮތުން 2.8 ކިލޯގެ ކަރަންޓް އުފެއްދޭ ސޯލާ ޕެނެލް ސްކޫލްގައި ވަނީ ހަރުކޮށްފަ އެވެ. މީގެ އިތުރުން ވެސް މަތީ ސާނަވީ އަށް ކިޔަވާ ކުދިންގެ މެދުގައި ތިމާވެއްޓަށް ލޯބި ޖެއްސުމުގެ ގޮތުން ތަފާތު ގިނަ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އައްޑޫ ހައި ސްކޫލަކީ ޓެކްނޮލޮޖީ އަށް ދަރިވަރުން އަހުލުވެރި ކުރުމަށް ވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ތަނެކެވެ. އަދި އެއީ ރާއްޖޭގެ ފުރަތަމަ "އައި ކްލާސް" ހިންގާ ތަން ވެސްމެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ