އެމްޑީޕީގެ ސީދާ ހަރަކާތްތައް ހުއްޓާލީ އެކަމަށް ދާނެ މީހުން ނެތިގެން: އުމަރު
އެމްޑީޕީން ސީދާ ހަރަކާތުގެ ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާއި ސައިކަލް ބުރުތައް ހުއްޓާލީ ޕާޓީތަކުގެ މަޝްވަރާ އަށް ފުރުސަތުދޭން ވެގެން ނޫން ކަމަށާއި އެއީ އެ ހަރަކާތްތަކަށް ދާނެ މީހުން ނެތިގެން ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ސީދާ ހަރަކާތްތައް ރޯދަ މަހުގެ ފަހު 10 ގެ އަޅުކަމާއި ޕާޓީތަކުގެ މަޝްވަރާ ފެށުމަށް މެދުކަނޑާލުމަށް ފަހު، އަލުން ފަށަން ނިންމުމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން އުމަރު ވިދާޅުވީ އެ ހަރަކާތް ހުއްޓާލީ މީހުން ނުގޮސްގެން ކަމަށެވެ. "ކޮންމެ އެއްޗެއް ވެސް ވަރުބަލިވަމުން ދަމުން ދަމުން ގޮސް ހުސްވާނެ. މުޒާހަރާއެއް ހިންގާއިރު މީހުން އެއްކުރަން ކުރާ މަސައްކަތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭނެ، އެމްޑީޕީ އަށް ވުރެ ވެސް ބޮޑަށް،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕާޓީތައް ގުޅިފައިވާ އިއްތިހާދުން ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް މުޒާހަރާކުރި އިރި އެމަނިކުފާނާ ދެކޮޅަށް "ހިފާނެ ކަންކަން" ހުރި ކަމަށެވެ. އޭރު ގާނޫނު އަސާސީއާ ހިލާފަށް ނަޝީދު ކަންކަން ކުރައްވާތީ މުޒާހަރާ އަށް މީހުން އެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ސީދާ ހަރަކާތޭ މިކިޔާ އެކްޓިވިޓީ އެންމެ ފަހުން ނިމުނީ ހަމަ ހުލިވިގެން. އެހެންވީމާ މިއީ ކޮންމެހެން ޕާޓީތަކުގެ ޓޯކްސް އަށް ޖާގަދޭން ނިންމި ނިންމުމެއް ނޫން. ހުލިވެގެން ނިންމި ނިންމުމެއް ހަގީގަތުގައި،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން އަލުން ސީދާ ހަރަކާތްތައް ފެށިއަސް އެއްވެސް ޕާޓީއަކުން އަދި ސަރުކާރަކުން ވެސް "ބިރެއް ނުގަންނާނެ" އެވެ. ނެޝަނަލް އިންކުއަރީ ކޮމިޝަނުގެ ރިޕޯޓް ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެމްޑީޕީން މުޒާހަރާކޮށް، ތަންތަނުގައި ހުޅުޖެހުން ފަދަ އަމަލުތައް ހިންގާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ