ޕީޖީ ކަމަށް އައްޔަން ކުރުމަށް ނަން ފޮނުވާފައިވާ މައުމޫން ހަމީދާ މެދު އާންމުން ދެކޭ ގޮތް ބަލަނީ

ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް އައްޔަންކުރުމަށް ރައީސް އަބްދުﷲ ޔާމީން ނަން ފޮނުއްވާފައިވާ މައުމޫން ހަމީދާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ކޮމެންޓު ކުރެވޭނެ ގޮތް ހުޅުވާލުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. އެ ކޮމިޓީގެ މުގައްރިރު ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު "ހަވީރަ"ށް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދާ މެދު އާންމުން ދެކޭ ގޮތް ވެބްސައިޓް މެދުވެރިކޮށް ހުށަހެޅުމަށް ހުޅުވާލާނީ އަންނަ ހަފުތާގެ ހޯމަދުވަހުގެ ހެނދުނު 10:00 އާ ހަމައަށެވެ. އަދި މަޖިލީހުގެ ވެބްސައިޓް މެދުވެރިކޮށް ކޮމެންޓް ކުރުން ހުޅުވާލުމަށްޓަކައި ޓެކްނިކަލް ކަންތައް ކުރަމުންދާ ކަމަށް ސަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައުމޫން ހަމީދާ މެދު އާންމުން ފޮނުވާ ކޮމެންތައް ނާޖާއިޒް ގޮތުގައި ބޭނުން ކޮށްފާނެތީ އެއްވެސް ކޮމެންޓެއް މަޖިލީހުގެ ވެބްސައިޓުން އާންމުންނަށް ނުފެންނާނެ ކަމަށެވެ. "އެ ކޮމެންޓުތައް އޭރުން ސީދާ ހިއްސާ ކުރާނީ ކޮމިޓީގެ މެމްބަރުންނާ. އާންމުންގެ ސުވާލުތަކާ ގުޅޭ ގޮތުން ކޮމިޓީގައި އެބޭފުޅާ ]މައުމޫން ހަމީދު[ މެދުވެރިކޮށް ޖަވާބު އަޅުގަނޑުމެން ހޯދާނަން،" ސަމީރު ވިދާޅުވި އެވެ. "ޕީޖީ ކަމަށް ވަޑައިގަންނަވާ ބޭފުޅާ އަކީ ދައުވާ ކުރުމާއި ދައުވާ ނުކޮށް ދޫކޮށްލުމުގެ ބާރު ލިބިވަޑައިގަންނަވާ ބޭފުޅެއް. އެހެންވީމާ އެފަދަ ބޭފުޅަކާ މެދު އާންމުން ދެކޭ ގޮތް ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ކޮމިޓީގެ ބޭފުޅުންނަށް ފެނިވަޑައިގަތީ. އެބޭފުޅާ އަކީ އެހާ ހައިބަތާއި ގަދަރު ބޮޑު ބޭފުޅަކަށް ވާއިރު އެބޭފުޅާއާ ގުޅޭ ކަންކަން ވީހާ ވެސް ޓްރާންސްޕޭރެންޓް ކުރުން އަޅުގަނޑުމެންގެ ބޭނުމަކީ." ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނު ބުނާ ގޮތުން އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަޖިލީހުން އައްޔަން ކުރަންޖެހެ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ކުރީކޮޅުގަ އެވެ. ސަމީރު ވިދާޅުވި ގޮތުގައި ކޮމިޓީގެ މެމްބަރުންގެ ވިސްނުމުގައި އަވަސް އަރުވާލައިގެން ޕީޖީ ކަމަށް ބޭފުޅަކު އައްޔަން ކުރުމުގެ ބަދަލުގައި ބޮޑަށް މުހިންމީ ވަގުތު ނަގައިގެން ވީހާ ވެސް ރަނގަޅަކަށް ކަންތައް ކުރުމެވެ. އަދި އެފަދަ ބޭފުޅެއްގެ މައުލޫމާތުތައް ވީހާ ވެސް ބޮޑަށް ހޯދުމަށް ފަހު އައްޔަން ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. "މި ރާއްޖޭގައި އަވަސް އަރުވާލައިގެން ކަންތައް ކުރީމާ ވާ ގޮތް ފެނޭ ނޫންތޯ؟ ފަނޑިޔާރުންގެ ގާނޫނާއި ކޯޓުތަކުގެ ގާނޫނު ނިންމީ 24 ގަޑިއިރު ތެރޭގައި. ކޯޓަށް ފަނޑިޔާރުން އައްޔަން ކުރީ ވެސް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި. އަޅުގަނޑުމެންގެ ބޭނުމަކީ ވަގުތު ކިހިލި ޖަހައިގެން ގޮސް ނިންމާލުމެއް ނޫން. މި ރާއްޖޭގައި ވަގުތު ކިހިލި ޖަހައިގެން ކަންކަން ކުރީމާ އޭގެ ނަތީޖާ ފެނިފައި ވަނީ ވަރަށް ހިތިކޮށް،" ސަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މުސްތަގުބަލުގައި ފަނޑިޔާރުން ފަދަ ރައްޔިތުންނާ ގުޅޭ ކަންކަން ނިންމާ ފަރާތްތައް މަޖިލީހުން އައްޔަން ކުރާއިރު އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލުމަކީ ކޮމިޓީގެ މެމްބަރުންގެ ވިސްނުމެކެވެ. މިނިވަން މުއައްސަސާ ކޮމިޓީން މިއަދު ނިންމީ ޕީޖީގެ މަގާމުގެ އިތުރުން ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ބޭފުޅުންނާ އަންނަ ހޯމަ ދުވަހު އިންޓަވިއު ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ