މުސްތޮފާ ތިމަރަފުށީ ރައްޔިތުން ގެންގުޅުއްވީ "މުށުތެރޭގައި ބަންދުކޮށްގެން": ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ އެ ދާއިރާގެ ރައްޔިތުން ގެންގުޅުއްވީ އޭނާގެ މުށުތެރޭގައި ބަންދުކޮށްގެން ކަމަށް ވިދާޅުވެ ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ޝަރީފް ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. އާޓިފިޝަލްބީޗުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި މުސްތަފާ އަށް ބަހުގެ ހޫނު ހަމަލާތައް ރައްދުކުރައްވައި ވިދާޅުވީ މުސްތަފާ މެމްބަރަކަށް ހުންނަވައި އެ ދާއިރާ އަށް އެކަށީގެންވާ ތަރައްގީއެއް ގެނެސްދެއްވާފައި ނުވާ ކަމަށެވެ. އެކަމަކު އެ ގޮނޑި ލިބިވަޑައިގެންފި ނަމަ ރައްޔިތުންގެ އެ ހުވަފެންތައް ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. "ތިޔަ ބޭފުޅުން ކުރިން އަޑުއައްސަވަމުން ގެންދެވީ ތިމަރަފުށީ ދާއިރާގެ، ހާއްސަކޮށް ތިމަރަފުއްޓަކީ ވަކި މީހެއްގެ އަތުގައި، އެ މީހަކު ބޭނުންވާ ގޮތަކަށް މޮޑެން އޮތް ފުއްގަނޑެކޭ. އެހެން ނަމަވެސް އެއްވެސް ހާލެއްގައި ތިމަރަފުއްޓަކީ އެއްވެސް މީހެއްގެ، ވަކި ޕާޓީގެ މިލްކިއްޔާތެއް ނޫން. ކުރީގެ އިއްޒަތްތެރި މެމްބަރު މުސްތަފާބެ އަށް އަޅުގަނޑު ދަންނަވާލަން އޮތީ ކުރިން ދެކެމުން އައި ހުވަފެން ނިމުމަކަށް އަތުވެއްޖެއޭ. ތިމަރަފުށި އޮތީ މަނިކުފާނުގެ މުށުތެރެއަކު ނޫނޭ މިފަހަރު،" ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރީނދޫ ކުލާގައި ދައްކުވަމުން އައި ތިމަރަފުށީގެ މަލަމަތި ބަދަލުވެ ރައްޔިތުން މިހާރު ތިބީ މިނިވަންވެފައި ކަމަށެވެ. އެކަން މުސްތަފާ ވެސް ބައްލަވާލެއްވުމުން އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދާއިރާ އަށް ޕީޕީއެމުން ކުރިމަތިލައްވާފައި ވަނީ އެ ރަށުގެ ރައްޔިތެއް ނޫން ކަމަށް މިފަހަރު އެއްވެސް މީހަކަށް ބުނެވޭކަށް ނޯންނާނެ އެވެ. މުސްތަފާގެ އަމިއްލަ އައިޑީކާޑާއި އޭނާގެ އައިޑީ ކާޑުން އެކަން ސާބިތުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. "އަޅުގަނޑަށް އަޅުގަނޑު ހޮވަން ވޯޓު ލެވެއޭ. މަނިކުފާނަށް މަނިކުފާނު ހޮވަން ވޯޓެއް ނުލެވެއޭ. އެހެންވީމާ ތިމަރަފުށީގެ ރައްޔިތަކީ ކާކުތޯ ބައްލަވާލައްވާށޭ،" މުސްތަފާ އަށް ނިސްބަތްކުރައްވައި ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މުސްތަފާ ހޮވުމަށް އެންމެ ބުރަކޮށް މަސައްކަތްކުރި މީހުން މިހާރު ތިބީ އޭނާގެ ކެމްޕޭންގައި ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ތެރޭގައި ޕީޕީއެމް އަށް ދިރުން ގެނެސްދެއްވާނެ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގައި ހިދުމަތް ކުރައްވައި އިލެކްޝަންސް ކޮމިޝަނާއި ޕީއޭގެ ވެސް ސެކްރެޓަރީ ޖެނެރަލް ކަން ކުރެއްވި ޝަރީފް ވިދާޅުވީ އޭނާ އެ ގޮނޑި އަށް ހޮވައިދީފި ނަމަ، ގުރައިދު އާއި ގާދިއްފުޓާއި ތިމަރަފުށީގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި މުސްތަފާ ފަދައިން އެއްވެސް ރަށަކަށް ތަފާތެއް ނުކުރައްވާނެ ކަމަށާއި އިންތިޚާބުގައި ތިމަރަފުށިން މުސްތަފާ ބަލިކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ