އެސްއީޒެޑްގެ ގަވައިދުތައް ހެދުން މެމްބަރު ނަޝީދުއާ ހަވާލުކޮށްފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތަކާއި އުސޫލުތައް ކަނޑައެޅުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުއާ ހަވާލު ކުރައްވައިފި އެވެ. އޭނާއާ އެ މަސައްކަތް ހަވާލުކުރެއްވީ އެސްއީޒެޑް ބޯޑުގެ ފުރަތަމަ ބައްދަލުވުމުގަ އެވެ. އެސްއީޒެޑް ގާނޫނު ވެސް ތައްޔާރު ކުރެއްވި ނަޝީދު މިއަދު "ހަވީރަ"ށް ވިދާޅުވި ގޮތުގައި އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތަކާއި އުސޫލުތައް ކަމާއި ގުޅޭ އޮފީސްތަކަށް އޭނާ ހައްދަވައި ދެއްވަނީ ހިލޭ ސާބަހަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ބެއްލެވިއިރު ވެސް 15 ވަރަކަށް ގަވައިދު ހަދަންޖެހޭ ކަމަށާއި އެ މަސައްކަތް ނިންމާލެވޭނީ 60 ވަރަކަށް ދުވަސް ތެރޭގައި ކަމަށެވެ. "މި ގާނޫނު ރޯލް އައުޓް ކުރުމަށް ބޭނުންވާ ހުރިހާ ގަވައިދުތަކާއި އުސޫލުތައް އަޅުގަނޑުމެން މި ހަދައި ދެނީ. މީގައި ވަރަށް ބޮޑަށް ބޭނުންވޭ އެއް އެއް ފެންވަރެއްގައި ގަވައިދުތައް ހުރުން. އެއް ގަވައިދު އަނެއް ގަވައިދާ ފުށުނާރާ ގޮތަށް ގަވައިދުތައް ހަދަން ޖެހޭ. އެކަން އެހެން ކުރެވޭނީ އެއް ދިމާލަކުން މިކަން ކުރުމުން. އެއް އޮފީހަކުން އެކަކު މެދުވެރިކޮށް ގަވައިދުތަކާއި އުސޫލުތައް ހަދައިފިއްޔާ ފުށުއެރުން ކުޑަވާނެ،" ނަޝީދު ވިދާޅުވި އެވެ. އެސްއީޒެޑް ގާނޫނުގައިވާ ގޮތުން ކަނޑައެޅޭ ވަކި އޮފީސްތަކަކުން ގަވައިދުތަކެއް ހަދަން ޖެހޭއިރު އަނެއް ބައި ގަވައިދުތައް ހަދަންޖެހޭ އޮފީސްތަކުގެ ނަން ކަނޑައެޅިގެން ނުބުނެ އެވެ. އެކަމަކު ކުރަން ޖެހޭ ކަންކަން ގާނޫނުގައިވެ އެވެ. ގާނޫނު ބުނާ ގޮތުން އެސްއީޒެޑްގެ ބޯޑު ހިންގާނެ އުސޫލުތައް ވެސް ކަނޑައަޅަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ