ސިޔާސީ ޕާޓީގެ ބިލް ތަސްދީގު ނުކުރާކަށް ނޭދޭނަން: ގައުމީ އިއްތިހާދު

ސިޔާސީ ޕާޓީއެއްގައި 10،000 މެމްބަރުން ނެތް ނަމަ އެ ޕާޓީއެއް އުވޭ ގޮތަށް ސިޔާސީ ޕާޓީގެ ބިލްގައި އޮތް ނަމަވެސް އެ ބިލް ތަސްދީގު ނުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދުގެ އަރިހުގައި ނޭދޭނެ ކަމަށް އެ މަނިކުފާނުގެ ގައުމީ އިއްތިހާދު ޕާޓީން މިއަދު ބުނެފި އެވެ. އެ ޕާޓީގެ ނާއިބު ރައީސް މުހަންމަދު ޒަކީ (ނަޒާކީ ޒަކީ) ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޕާޓީން އެފަދަ ކަމަކަށް އެދިއްޖެ ނަމަ "މީހުން ދެކޭ ގޮތް ތަފާތުވާނެ" ކަމަށެވެ. "އެހެންވީމާ އަޅުގަނޑުމެން މަސައްކަތް ކުރާނީ އިރާދަކުރެއްވިއްޔާ 10،000 މީހުން ހަމަކުރަން. ދެން އެހެން ޕާޓީތަކުން އެ ބޭފުޅުންގެ ކަންބޮޑުވުންތައް ދަންނަވާނެ. އަޅުގަނޑުމެން ޕާޓީއަކުން ވަކި ގޮތަކަށް ނޭދޭނަން. މަޖިލީހުން ގޮތެއް ނިންމީމާ އެއަށް އިހުތިރާމްކުރާ ގޮތަށް އަޅުގަނޑުމެންގެ ޕާޓީން މި ތިބީ. ބައެއް ބޭފުޅުން ވިދާޅުވޭ ޒާތީ ކަމެކޭ އެއީ. އެކަމަކު އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން،" ޒަކީ ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ގައުމީ އިއްތިހާދު ޕާޓީގައި މިހާރު ތިބީ 3،219 މީހުންނެވެ. ޒަކީ ވިދާޅުވީ ގައުމީ އިއްތިހާދު ޕާޓީ އަށް މެމްބަރުން އިތުރުކުރުމުގެ ކެމްޕޭނެއް މިހާރު ފަށާފައިވާ ކަމަށެވެ. ވަރަށް ފަހުން ސ. ހިތަދޫގައި އެ ޕާޓީގެ އޮފީހެއް ހުޅުވައި އަދި ފޭދޫގައި ވަނީ ޖަގަހައެއް ވެސް ހުޅުވާފައި ކަމަށް ޒަކީ ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ވެސް މެމްބަރުން އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ގައުމީ އިއްތިހާދު ޕާޓީން ނިންމާފައި ވަނީ މިއަދު ލ. އަތޮޅަށް ދަތުރެއް ފަށައި މެމްބަރުން އިތުރުކުރުމުގެ ކެމްޕޭނެއް ފެށުމަށެވެ. ލ. އަތޮޅު ދަތުރު ކުރަނީ މިއަދުން ފެށިގެން މި މަހުގެ 14 އާ ހަމައަށެވެ. ޒަކީ ވިދާޅުވި ގޮތުގައި މާލޭގައި ވެސް ގައުމީ އިއްތިހާދު ޕާޓީގެ ޖަގަހައެއް ވަރަށް އަވަހަށް ހުޅުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ