އެމްޑީޕީ އެނބުރި އައުމުގެ ބިރު އެބައޮތް: އުމަރު ނަސީރު

އެމްޑީޕީ ރާއްޖޭގެ ވެރިކަމަށް އެނބުރި އައުމުގެ ބިރުވެރިކަން އަދި ވެސް އެބައޮތް ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައުމައްޓަކާ ވަރަށް ރަނގަޅަށް އިންތިޒާމު ކުރަމުންދާ ކަމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ވެސް އެމްޑީޕީގައި އެބަހުރި ކަމަށެވެ. އަދި އެމްޑީޕީ ބަލި ކުރެވޭނީ އެމީހުންނަށް ވުރެ ހުށިޔާރު ވެގެން ކަމަށާއި ދަގަނޑު ކެނޑޭނީ ދަގަނޑުން ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެމްޑީޕީ ބަލި ކުރުމައްޓަކާ ކުރީ ސަފަށް ނުކުމެ ލީޑަރޝިޕް ދެއްކޭ ފަދަ މީހުން ބޭނުންވާ ކަމަށާއި އެކަމައްޓަކާ އޭނާ ހުންނެވީ ތައްޔާރަށް ކަމަށް އުމަރު ވިދާޅުވިއެވެ. ރޭގެ ޖަލްސާގައި އުމަރު ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރު އެމްޑީޕީ ބަލި ކުރެވޭ ފަދަ ލީޑަރޝިޕެއް އެއްވެސް ފަރާތަކަށް ދެއްކިފައި ނުވާ ކަމަށާއި އެކަން ކުރެއްވީ އޭނާގެ ޓީމުން ކަމަށެވެ.
އެހެން ކަމުން ރައީސް މުހައްމަދު ނަޝީދާ އެމްޑީޕީގެ ކިބައިން ރާއްޖެ ސަލާމަތް ކުރި ގޮތަށް ރައީސް ނަޝީދާ އެމްޑީޕީ އެނބުރި އަޔަ ނުދިނުމުގެ މަސައްކަތް ވެސް ކުރެވޭނީ އެޓީމަށް ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތީ ކޮން ފަދަ ނުރައްކަލެއް ކަން ނޭނގޭ ކަމަށާއި އެމްޑީޕީގެ ނަފްރަތާއި ތަޅާފޮޅުންތައް ފަޅާލާފައި ރަށްރަށަށް އަރާ ކެމްޕޭން ކުރަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީއާއި ކުރިމަތިލެވޭނީ އެމީހުންނަށް ވުރެ ނުލަފާ ވެގެން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ވޭތުވެ ދިޔަ ތަނުގައި އެމްޑީޕީން "ގުންޑާއިން" ދެފަހަރެއްގެ މަތިން އޭނާގެ ގެޔަށް ފޮނުވާފައިވާ ކަމަށާއި ކޮންމެ ފަހަރަކު ވެސް ފިސާރި ލަނޑެއް ދީފައިވާނެ ކަމަށެވެ. އަދި މިހާރު އުމަރާއި ވާދަ ކުރައްވަމުން ގެންދަވާ ފަރާތްތަކުގެ ގޭގެއަށް އެމްޑީޕީ މީހުން ދިއުމުން އެގޭ ދޮށަށް މީހުން ފޮނުވައިގެން ވެސް ހިމާޔަތް ދެއްވާފައިވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ