އުނގޫފާރު ދާއިރާގެ މެމްބަރު ހަތަރު އަހަރަށް އަރުވާލަން ހުކުމްކޮށްފި

ހިޔާނާތުގެ މައްސަލައެއްގައި ރައްޔިތުން މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހީމް އަމީން ހަތަރު އަހަރާ ހަ މަސްދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އަނިޔާވެރި ގޮތަކަށް އޮކްޓޫބަރު 1، 2012ގައި އަވަހާރަކޮށްލި ޑރ. އަފްރާޝީމްގެ ކޮއްކޮ އަމީން އަރުވާލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ 2004 އިން ފެށިގެން 2006 އާ ހަމައަށް އެ ރަށު އޮފީހުގައި އޭނާ މަސައްކަތްކުރެއްވި އިރު ރައްޔިތުންގެ އިންޖީނުގެ އިން ރަށު އޮފީހަށް ދެއްކި ފައިސާ އަށް ހިޔާނާތްތެރިވި މައްސަލައިގަ އެވެ. މި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ ތެރޭގައި އޭނާގެ ބޭބެ އަދި ކައުންސިލްގެ ރައީސަކަށް ހުރި އަބްދުއްނާސިރު އަލީ 11 އަހަރަށް އަރުވާލުމަށް ވެސް ހުކުމްކޮށްފައިވެ އެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން ދައުވާގެ އަސްލަށް އަމީން އިންކާރުކުރި ނަމަވެސް އޭނާ ހަވާލުވެ ސޮއިކުރި ފައިސާގެ ތެރެއިން 36،818ރ. މަދުވާ ކަމަށާއި އެ ފައިސާ އަށް ވީ ގޮތް ބުނެދޭން ނޭނގޭ ކަމަށް އެންޓި ކޮރަޕްޝަން ބޯޑުގެ ތަހުގީގާއި ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވެ އެވެ. އެންޓި ކޮރަޕްޝަން ބޯޑުގެ ތަހުގީގަކީ ސައްހަ އޮޑިޓެއް ނޫން ކަމަށް އޭނާ ބުނި ނަމަވެސް އޭނާ އަށް އެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ. އެހެންވެ، ހިޔާނާތްތެރިވުމުގެ ކުށުން އަމީން ކުށްވެރިވާ ކަމަށް ނިންމައި، އެއީ އޭނާ އެފަދަ ކުށެއްކުރި ފުރަތަމަ ފަހަރު ކަމަށް ވާތީ ހަ މަހަށް، އަދި އޭނާ ހިޔާނާތްތެރިވީ 10،000ރ. އަށްވުރެ ގިނަ ފައިސާ އަށް ކަމަށް ވާތީ ކޮންމެ 10 ހާސް ރުފިޔާ އަށް އަހަރެއްގެ މަގުން ތިން އަހަރަށް އަދި އޭނާ އެ ފައިސާ އަށް ހިޔާނާތްތެރިވީ އެއާ ހަވާލުވެގެން ހުރެ ކަމަށް ވާތީ އިތުރު އެއް އަހަރާ އެކު، ޖުމްލަ ހަތަރު އަހަރާއި 6 މަހަށް އަމީން އަރުވާލަން ހުކުމްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ. މީގެ އިތުރުން މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި 36،818ރ. ސިވިލް ކޯޓަށް ދެއްކުމަށް ވެސް ހުކުމުގައިވެ އެވެ. އަމީންގެ ބޭބެ ނާސިރުގެ މައްޗަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އިންޖީނުގެ އިން އޮފީހަށް ދެއްކި ފައިސާގެ ތެރެއިން 114،325ރ. ނަގައި އެ ފައިސާ އޭނާ ބޭނުންކުރި ކަމަށް ޝަރީއަތުގައި އޭނާ އިއުތިރާފްވެފައިވާތީ އެވެ. މަޖިލީހުގެ މެމްބަރެއްގެ މައްޗަށް އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފި ނަމަ ގޮނޑިގެއްލޭ ގޮތަށް އޮތް ނަމަވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ މިހާރު ވަނީ ބާއްވައިފަ އެވެ. އާ މަޖިލީހަށް އަމީން ވާދަކުރައްވާފައެއް ވެސް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ