އިންތިހާބަކީ ރައްޔިތުންގެ ވޯޓަކުން ނިންމާ އިންތިހާބަކަށް ހެދުމަށާއި ކޯޓްތަކުން ނިންމާ ނިންމުމެއް ކަމަށް ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އެމްޑީޕީން ގަރާރެއް ފާސް ކޮށް ފިއެވެ.
މިއަދު އެމްޑީޕީން ދަރުބާރުގޭގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ރައްޔިތުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާ ހުށަހެޅުއްވި ގަރާރުގައި ބުނަނީ ރާއްޖޭގައި ބާއްވާ އެންމެހާ އިންތިހާބު ތަކާއި، ހާއްސަކޮށް ހިނގަމުންދާ ރިޔާސީ އިންތިހާބަކީ ދެފުށް ފެންނަ، ރައްޔިތުންގެ ވޯޓަކުން ނިންމާ އިންތިހާބަކަށް ހެދުމަށާއި އަދި ކޯޓްތަކުން ނިންމާ ނިންމުމެއް ކަމަށް ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން ގައުމީ މަޖިލީހުން އިގުރާރުވާ ކަމަށެވެ.
ގަރާރު ހުށަހެޅުމުގެ ކުރިން ގަރާރާ ބެހޭގޮތުން ވާހަކަ ދައްކަމުން ހަމްޒާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކުލާ ވޯޓަކީ އެ މީހެއްގެ ހައްގެއް ކަމާ، އެ މީހެއްގެ އެއްވެސް ކުށެއްނެތި ބާތިލް ކުރުމުގެ ހައްގު ރާއްޖޭގެ އެއްވެސް ކޯޓަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ބާރުވެރި ކުރުވާ އެއްޗަކީ ވޯޓް ކަމަށް ވެފައި އެ ވޯޓަށް ހުރަސް އެޅޭނެ ޖާގަ ނުދެވޭނެ ކަމަށެވެ.
ހަމްޒާ ހުށަހެޅުއްވި ގަރާރަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ގަފޫރެވެ. ގައުމީ މަޖިލީހުން އެ ގަރާރު ފާސް ކުރީ އެ މަޖިލީހަށް ހާޒިރުވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.
އިންތިހާބުތަކުގެ ނަތީޖާ ކޯޓުން ނިންމިޔަ ނުދޭން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ