އިންޑިއާ ކަނޑުގެ ހަމަޖެހުމަށް މިހާރު ގޮންޖެހުންތައް ކުރިމަތިވެފައިވަނީ ޗައިނާއިން ނޫން ކަމަށާއި، ރާއްޖެއާއިއެކު އަސްކަރީ ގާތް ގުޅުންތަކެއް ބަދަހިކުރަން މަސައްކަތް ކުރަމުންދާ އެމެރިކާގެ ފަރާތުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަޢުމޫން ވިދާޅުވީ، ޗައިނާއިން ދުވަހަކުވެސް މިފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާކަމަށާ، ނަމަވެސް އެމެރިކާގެ މި ހުށަހެޅުމާއި މެދު ހިތާމަ ކުރައްވާ ކަމަށެވެ. އަދި ސޯފާ އެގްރީމެންޓާއިމެދު މައުމޫން އެއްގޮތަކަށްވެސް ހިތްޕުޅު ހަޖެހިވަޑައިނުގަންނަވާ ކަމަށާއި، ރާއްޖެއިން ސޯފާ އެގްރީމެންޓްގައި ސޮއި ނުކުރުމަށް އެމަނިކުފާނު އެދިލައްވާ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޗައިނާއިން ރާއްޖޭގައި އެމްބަސީއެއް ޤާއިމް ކުރިނަމަވެސް، ޗައިނާގެ ފަރާތުން އިންޑިއާ ކަނޑަށް ބިރެއް ނެތް ކަމަށެވެ.
މައުމޫންގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގ އާއި ހާރިޖީ ވަޒީރު، ސަލްމާން ޚޫރްޝިދްއާއި ބައްދަލުކޮށްފައިވާއިރު، "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުގައި މައުމޫން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ 30 އަހަރު އިންޑިއާއިން ރާއްޖެއާއި މެދު ބާއްވާފައިވާ ގާތް ގުޅުމަށް ތައުރީފުކޮށް ވާހަކަ ދައްކަވާފައެވެ.
"އަޅުގަނޑު ރާއްޖޭގެ ވެރިކަމުގައި ހުރި 30 އަހަރު އިންޑިއާ އިން ކުޅެދީފައިވާ ރޯލާއިމެދު އަޅުގަނޑު ވަރަށް އުފާވޭ. މި މުއްދަތުގައި އިންޑިއާގެ ފަރާތުން އެއްވެސް ނުރައްކަލެއް އައިސްފައެއް ނުވޭ. އިންޑިއާ އިން ރާއްޖެއަށް އިގްތިސޯދީ އަދި އިޖުތިމާއީ ދާއިރާއިން ވެދިން އެހީތެރިކަމަށް އަޅުގަނޑު ޝުކުރުއަދާކުރަން،" މައުމޫން ވިދާޅުވި އެވެ.
"ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުގައި މައުމޫން ވަނީ ނިމިދިޔަ ސަރުކާރުގައި ޖީއެމްއާރް އާއި އެކު ވެފައިވާ އެއްބަސްވުމަކީ ސަރުކާރުން އެޅި ސިޔާސީ "ޅައެއްޗެއް" ކަމަށް ސިފަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފައެވެ.
"މިއީ (ޖީއެމްއާރް އެއްބަސްވުމަކީ) އެޅި ޅައެއްޗެއް. އެ އެގްރިމެންޓަކީ އެއްވެސް ސިޔާސީ ޕާޓީއަކާ މަޝްވަރާކުރުމެއް ނެތި (ނަޝީދު ސަރުކާރުން) ވި އެއްބަސްވުމެއް. އޭގެ ސަބަބުން އަސްލު އެ އެއްބަސްވުމަކީ ކޮރަޕްޝަނަށް މަހުފަހިވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެނީވެސް. ދެން ވެރިކަން ބަދަލުވުމުން އަޅުގަނޑުމެން (ސިޔާސީ ޕާޓީތަކުގެ ވެރިން) ރައީސް މުޙައްމަދު ވަހީދަށް ދެންނެވިން ޖީއެމްއާރާއި އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށްގެން އެ މައްސަލައިގައި ހައްލެއް ހޯދަން. އަދި އެ މަޝްވަރާތަކަށް ފަހު ސަރުކާރަށް ފެންނަ ގޮތެއް ނިންމުމަށް އަޅުގަނޑުމެން ހުށަހެޅިން. ނަމަވެސް ކުއްލިއަކަށް މަޝްވަރާއަށް ނުގޮސް، ސަރުކާރުން އެކަމުގައި މިފަދަ ހިތާމަވެރި ނިންމުމެއް ނިންމީ" ނަޝީދު، އަދި ވަހީދު ސަރުކާރަށްވެސް ފާޑު ވިދާޅުވަމުން މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން ދަ އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެ މައުމޫން ވިދާޅުވީ ބައިނަލްއަޤްވާމީ ދުނިޔޭގައި އިންޑިއާ އަކީ ރާއްޖެއަށް އެންމެ މުހިންމު ބައިވެރިޔާ ކަމަށާއި، އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ ވޭތުވެދިޔަ ދެސަރުކާރުގައި ހީނަރުވެފައިވާ ގުޅުން ބަދަހިކޮށް، ރާއްޖެއިން އިންޑިއާއާއި އެކު ކުރިއެކޭ ވެސް އެއްގޮތަށް ރަނގަޅު ގުޅުމެއް ބާއްވާނެ ކަމަށެވެ.
ދަ އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި މި އިންޓަވިއުގައިވެސް މައުމޫންވަނީ ޖީއެމްއާރް މައްސަލައާއި އަޅުވައި، ކުރީގެ ރައީސް ނަޝީދު އަދި މިހާރުގެ ރައީސް މުޙައްމަދު ވަޙީދުގެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
އިންޑިއާ ކަނޑަށް އޮތް ބިރަކީ އެމެރިކާ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ