ކިޔުންތެރިންގެ އެދުމުގެ މަތިން ހަވީރު ޔޫރޯ ގައިޑް މިއަދު ބާޒާރަށް ނެރެނީ

ގިނަ ކިޔުންތެރިންތަކެއް "ހަވީރު ޔޫރޯ ގައިޑަ"ށް މިހާރުވެސް އެދެމުންދާތީ، ރަސްމީކޮށް ލޯންޗްކުރުމުގެ ކުރިން މިއަދު ހަވީރުން ފެށިގެން ބައެއް ބުކްޝޮޕްތަކުން ވިއްކަން "ހަވީރު"ން ހަމަޖައްސައިފި އެވެ. އަންނަ މަހުގެ 8 އިން ޖުލައި 1 ވަނަ ދުވަހަށް ޔޫކްރޭނާއި ޕޯލެންޑްގައި އޮންނަ ޔޫރޯ އަށް "ހަވީރު"ން ތައްޔާރުކުރި ފޮތް ރަސްމީކޮށް ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު ރާޅުގަނޑު ސަރަހައްދުގަ އެވެ. އެކަމަކު އެ ފޮތް ހޯދުމަށް ވަރަށް ގިނަ ބަޔަކު މިހާރު ވެސް އެދޭތީ "ހަވީރު"ން ނިންމީ ވަކި އަދަދަކަށް ބުކްޝޮޕްތަކަށް ފޮތް ދޫކުރާށެވެ. މިއަދު ހަވީރުން ފެށިގެން ހަވީރުގެ ޔޫރޯ ފޮތް ލިބެން ހުންނާނީ އަސްރަފީ ބުކްޝޮޕާއި ޗާންދަލިއާ އާއި މިލިއަން ބުކްޝޮޕާއި ރައުންޑްވަން ބުކްޝޮޕާއި ނޮލެޖް ބުކްޝޮޕާއި ރާދަ ބުކްޝޮޕް އަދި ސެވަން ޒީރޯ ފިހާރައިންނެވެ. "ހަވީރު"ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މީގެ ކުރިން "ހަވީރު" ން ނެރުނު ކުޅިވަރުގެ ފޮތްތަކަށް ވުރެ މިފަހަރުގެ ޔޫރޯ ގައިޑްގެ ފެންވަރު ރަނގަޅުވާނެ އެވެ. "މިއީ މުބާރާތުގެ ކުރިން ފުޓްބޯޅަ ސަޕޯޓަރުންނަށް މުހިންމު ފޮތެއް ކަމަށް ދެކެން. ވަރަށް ރީތި ވާނެ ފޮޓޯތަކާއި ފޮތުގެ މުޅި ލޭއައުޓް. ވަރަށް ގިނަ މައުލޫމާތުތަކެއް ލިބޭނެ،" ހަވީރުގެ އޮފިޝަލް ވިދާޅުވި އެވެ. "ހަވީރުގެ ކުޅިވަރު ޑިޕާޓްމަންޓާއި މާކެޓިންނާއި ގްރެފިކްސްގެ ވަރަށް ބޮޑު މަސައްކަތެއް ހަގީގަތުގައި މިއީ. ކިއުންތެރިން ހިތްހަމަޖެހޭނެ ކަމަށް އުއްމީދުކުރަން." ޔޫރަޕްގެ 16 ގައުމަކުން ވާދަކުރާ ޔޫރޯ ފޮތުގައި ޓީމުތަކާ ބަހޭ މައުލޫމާތާއި ކުޅޭ މަޝްހޫރު ކުޅުންތެރިންނާއި އަރަމުން އަންނަ ޒުވާން ތަރިންގެ ޕްރޮފައިލާއި ކުލަ ފޮޓޯތައް ހިމެނޭނެ އެވެ. އަދި ކޮންމެ ފޮތަކާ އެކު އޭވަންގެ ބޮޑު ސްކޯ ޗާޓެއް ހިލޭ ލިބޭނެ އެވެ. ވަކިން ވިއްކަން ކްރިސްޓިއާނާ ރޮނާލްޑޯ އާއި އަންދްރޭސް އިނިއެސްޓާ އާއި މެސުތު އޯޒިލް އަދި އާޔަން ރޮބެންގެ ރީތި ޕޯސްޓަރުތައް ވެސް "ހަވީރު" ން ވަނީ ތައްޔާރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ