އުމަރު ޒާހިރުގެ ހިދުމަތްތަކާ ގުޅޭ ފޮތެއް ނެރެފި

ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުރީގެ ޕަބްލިކް ވޯކްސް މިނިސްޓަރު އުމަރު ޒާހިރުގެ ހިދުމަތްތަކާ ގުޅޭ ގޮތުން މަޝްހޫރު ލިޔުންތެރިޔާ ކަށިމާ އަހްމަދު ޝާކިރު ލިއުއްވި ފޮތެއް މިރޭ ނެރެފި އެވެ. އާޓް ގެލެރީގައި ބޭއްވި ހަފުލާއެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނެރެދެއްވި އެ ފޮތް ލިއުއްވި ކަށިމާ ޝާކިރު ވިދާޅުވީ ގައުމަށް ހިދުމަތްކޮށްދެއްވި އެކި ބޭބޭފުޅުންގެ ހިދުމަތްތަކުގެ އަގު ވަޒަންކުރަން ޖެހޭއިރު، އުމަރު ޒާހިރުގެ ހިދުމަތްތަކުގެ ހަނދާންތަކާ ގުޅޭ ގޮތުން ފޮތެއް ލިއުއްވީ އޭނާ "ގައުމަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގު ބޮޑު ކަމަށް ފެންނާތީ" ކަމަށެވެ. އުމަރު ޒާހިރުގެ ހަޔާތްޕުޅާއި ގައުމަށް ކޮށްދެއްވި ހިދުމަތްތައް ތަފްސީލްކޮށްދެއްވާފައިވާ 250 ސޮފްހާގެ އެ ފޮތުގައި އުމަރު ޒާހިރާ ގުޅޭ ގޮތުން އާއްމުންނަށް ކުރިން ނޭނގޭ، ގިނަ މައުލޫމާތު ހިމަނުއްވާފައިވެ އެވެ. އެ ގޮތުން، އަމިއްލަ ޝައުގުވެރިކަމެއްގެ ގޮތުގައި އުމަރު ޒާހިރު ޑައިރީ ލިއުއްވާ ވާހަކަ ފާހަގަކޮށްލެވެ އެވެ. އުމަރު ޒާހިރާ ގުޅޭ ގޮތުން ކަށިމާ ޝާކިރު ލިއުއްވި ފޮތް ނެރުމުގެ ހަފްލާގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ.-- ހަވީރު ފޮޓޯ: ހުސެއިން ޝަޔާހް ޝާކިރު ވިދާޅުވީ އުމަރު ޒާހިރު ޑައިރީ ލިއުއްވާކަން އޭނާ އަށް ވެސް އެނގިވަޑައިގަތީ، ފޮތް ލިއުއްވަން އިންޓަވިއުއަކަށް އެދިވަޑައިގަތްތާ ދެތިން ދުވަސް ފަހުން އެ ގެ އަށް ވަޑައިގެން، އޭނާއާ ގިނަ އަދަދެއްގެ ފޮތްތައް ހަވާލުކުރެއްވުން ކަމަށެވެ. އެ ފޮތްތައް ބައްލަވާލެއްވިއިރު އޭގައި ހުރީ އުމަރު ޒާހިރު ދުވަހުން ދުވަހަށް ކުރެއްވި ކަންކަން ކަމަށާއި އަހަރު ފެށޭއިރު ވެސް އުމަރު ޒާހިރަކީ ހާސިލްކުރައްވަން ބޭނުންވާ ކަންކަން ލިއުއްވައި، އެއާ އެއްގޮތަށް އަމަލުކުރައްވަން ގަދައަޅާ މަސައްކަތް ކުރެއްވި ބޭފުޅެއް ކަން ވެސް ފާހަގަކުރެއްވުނު ކަމަށް ޝާކިރު ވިދާޅުވި އެވެ. އެ ފޮތުގައި ތިލަފުއްޓާއި ހުޅުމާލެ ހިއްކުމުގައި އުމަރު ޒާހިރު އަދާކޮށްދެއްވި ދައުރާއި މާލޭގެ މަގުތަކުގައި ގާ އެތުރުމާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހެދިއިރު އުމަރު ޒާހިރު ކުރެއްވި މަސައްކަތްތަކުގެ ތަފްސީލް ލިއުއްވާފައިވެ އެވެ. އެ ފޮތް ނެރެދެއްވުމަށް ފަހު މައުމޫން ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި އުމަރު ޒާހިރު ގައުމަށް ކޮށްދެއްވި ގިނަ ހިދުމަތްތަކަށް ތައުރީފްކުރައްވައި އުމަރު ޒާހިރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ. ވެރިކަންކުރާ ޕީޕީއެމްގެ ރައީސްކަން ވެސް ކުރައްވާ މައުމޫން ވިދާޅުވީ އުމަރު ޒާހިރަކީ ހަވާލުކުރައްވާ ކޮންމެ މަސައްކަތެއް ވަރަށް ފަރުވާތެރިކަމާ އެކު ކުރެއްވި، އިހްލާސްތެރި ބޭފުޅެއް ކަމަށެވެ. ކޮންމެ ކަމެއް ހަވާލުކުރެއްވި ނަމަވެސް ޝަކުވާ ކުރެއްވުމެއް ނެތި އެ ކަމެއް ކާމިޔާބުކަމާ އެކު ކޮށްދެއްވާފައިވާ ބޭފުޅެއްކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ރީތި، މޮޅު އިބާރާތްތަކުން ޝާކިރު ލިއުއްވި އެ ފޮތުގައި މުހިއްމު ގިނަ މައުލޫމާތުތަކެއް ހުރިކަން ފާހަގަކުރައްވައި އަދަބީ އެ މަސައްކަތް ކޮށްދެއްވި ކަމަށްޓަކައި އޭނާ އަށް ވެސް މައުމޫން ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ