ޖީއެމްއާރް އަތުން ހުޅުލޭ ވައިގެ ބަނދަރު އަތުލުން ހުއްޓުވަން 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް، ޖީއެމްއާރުން އެތައް ފައިސާއެއް ހުށަހެޅި ކަމަށާއި، އެހެންނަމަވެސް ރައީސް ޔާމިން އެފައިސާއަށް ނޫނެކޭ ވިދާޅުވި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގެ ތަރައްޤީގެ މަޝްރުއުތަކެއް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، ޖީއެމްއާރަށް އެއާޕޯޓް ދިން މައްސަލަ އާއި ގުޅިގެން ރައީސް ޔާމީން ނޫނީ ސާބިތުކަމާއެކީގައި އެކަމާ ދެކޮޅަށް ފާޅުގައި ވަކާލާތު ކުރެއްވި ވެރިޔަކު މިރާއްޖޭގެ ސިޔާސީ މަޝްރަހުގައި ނެތް ކަމަށެވެ.
"ޤާސިމް އިބާރާހީމް ކަމަށްވިޔަސް، ޝެއިޚް އިމްރާން ކަމަށްވިޔަސް، އެއީ އަދި އެނޫން ލީޑަރެއް ކަމަށްވިޔަސް އެބޭފުޅުންނަކަށް ފާޅުގައި ސާބިތުކަމާއެކީގައި މިކަމުގައި ވަކާލާޠު ކުރައްވަން ކެރިވަޑައިގެންފައެއް ނެތް." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ހުޅުލޭ އެއާޕޯޓް ޖީއެމްއާރަށް އޮތް ދުވަސްވަރު އޭރުގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައި ހުންނަވައި ރައީސް ޔާމީން، ސިންގަޕޯއަށް ކުރެއްވި ދަތުރުފުޅެއްގައި އެމަނިކުފާނު ހުންނެވި ހޮޓަލަށް ޖީއެމްއާރާ ގުޅުންހުރި މީހުންތަކެއް ފޮނުވައިގެން ރައީސް ޔާމީން ލައްވާ ޖީއެމްއާރު އަތުން އެއާޕޯޓް ނުނަގާ ގޮތަށް އެއްބަސް ކުރުވަން ވަރަށް މަސައްކަތް ކުރެއްވި ސިޔާސީ ލީޑަރުން މިރާއްޖޭގައި އެބަތިބި ކަމަށެވެ. އެކަމާ ގުޅިގެން އެދުވަހު ހެނދުނުއްސުރެ މެންދުރު ފަސްވަންދެން އެ ހޮޓަލުން ބެރަށް ނިކުމެވަޑައިނުގަނެ ހޮޓަލު ތެރޭގައި ރައީސް ޔާމީން ހުންނަވަން ޖެހިވަޑައިގަތް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"ތަކުރާރުކޮށް ގުޅުއްވާފައި ވިދާޅުވޭ ކުޑަމިނުން އެބޭފުޅުންނާ ބައްދަލު ކޮށްލަދޭންވީ ނޫންހޭ! މަނިކުފާނުގެ ކެމްޕޭނަށް ވަރަށް ގިނަ ފައިސާ އެބޭފުޅުން ދެއްވާނެއޭ! އެޓްލީސްޓް އެމީހުނާ ބައްދަލުކޮށްލާފައި އެމީހުން އެދައްކާ ވާހަކައެއް އަޑު އައްސަވާލަދެއްވާށޭ، އެވަރުން ތިމަންނަމެނަށް ފުދެޔޭ، ކެމްޕޭނަށް ބޭނުންވާ ފައިސާ ލިބޭނެޔޭ" ރައީސް ޔާމިނަށް ޖީއެމްއާރާ ގުޅުންހުރި ދިވެހި ސިޔާސީ ޅީޑަރުން ކުރި ޕްރެޝަރ ހިއްސާކުރައްވަމުން އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، އެފަރާތްތަކުން ހުށަހެޅުއްވި ހުރިހާ ހުށަހެޅުމަށް ރައީސް ޔާމީން ކެރިގެން ނޫނެކޭ ވިދާޅުވެފައިވާ ކަމަށާއި، ދިވެހިންގެ މުދާ ވިއްކައިގެން ކެމްޕޭނަށް ފައިސާ ހޯއްދަވާފައި ނުވާނެ ކަމަށެވެ.
"ކީކޭތޯ ރައީސް ޔާމީން ވިދާޅުވީ. ތިމަންނަގެ ކެމްޕޭނަށް ތިގޮތަށް ފައިސާ ހޯއްދަވާކަށް ބޭނުންފުޅެއް ނޫނޭ. ދިވެހި ރައްޔިތުންގެ މުދާ ވިއްކައިގެން ތިމަންނަގެ ކެމްޕޭނަކަށް ފައިސާއެއް ބޭނުމެއް ނޫނޭ. އިރުއޮއްސެންދެން އެމީހުން ތިއްބަސް، މާދަމާ އިރު އަރަންދެން ތިއްބަސް ތިމަންމަނިކުފާނު އެމީހުންނަކާ ބައްދަލެއް ނުކުރައްވާނަމޭ." ރައީސް ޔާމީންގެ ހޫނު ޖަވާބު ދިވެހި ރައްޔިތުންނާ ޙިއްޞާ ކުރައްވާ އަދުރޭ ވިދާޅުވިއެވެ.
އިތުރަށް އަދުރޭ ވިދާޅުވީ، ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން ސިޔާސީ ޕާޓީގެ ކައުންސިލަކުން ނިންމީމަވެސް އޭރުގެ ރައީސް އަށް ވަކިން ނޯޓް ފޮނުއްވައި އެކަމާ ދެކޮޅު ހެއްދެވި ލީޑަރުން މިއަދު އިދިކޮޅު ކޯލިޝަނުގައި ތިއްބަވާނެ ކަމަށެވެ.
"ބައެއް ބޭބޭފުޅުން އެބޭފުޅުން ނިސްބަތްވާ ޕާޓީގެ ކައުންސިލުން ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން ނިންމީމާ، ވަކިން ގެއަށް ވަޑައިގެންފައި އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް ނޯޓް ފޮނުވާފައި އެބަހުރި ތިމަންނަމެންގެ ޕާޓީގެ ކައުންސިލުން އެގޮތަށް ނިންމިޔަސް އެއީ ތިމަންނަގެ ޚިޔާލެއް ނޫނޭ، ތިމަންނައަށް ފެންނަނީ ރަނގަޅު އެއްބަސްވުމަކަށް އާދެވޭކަމަށްވަންޏާ ޖީއެމްއާރުގެ އަތުގައި އެއާޕޯޓް ބާއްވާށޭ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ އަބުރުފުޅު ކަތިލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ ދޮގު ތުހުމަތުތައް އެމަނިކުފާނުގެ އިސްތަށީފުޅުގައި އަޅުއްވަމުން ގެންދަވާ ކަމަށާއި، އެހެންނަމަވެސް ހަޤީގަތެއް އޮތް، ސާބިތުހިފޭ އެއްވެސް ވާހަކައެއް އިދިކޮޅު ފަރާތްތަކަސް ނުދެއްކޭނެ ކަމަށެވެ.
"އެއީ އެއްވެސް ހަޤީގަތެއް ނެތް ކަންތައްތަކެއް، މި ޤައުމަށްޓަކައި މިފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ޤުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅަކީ މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަން އެއީ އެންމެން ދަންނަ ހަޤީގަތެއް." އަދުރޭ ވިދާޅުވިއެވެ.
މިވާހަކަތައް ދެއްކީމަ ވާދަވެރިންނަށް ވަރަށް އުނދަގޫވާނެ ކަމަށާއި، ވަރަށް ބޮޑަށް ކަންބޮޑުވާނެ ކަމަށް އަދި މިރޭ ނުވެސް ނިދޭނެ ކަމަސް އަދުރޭ ވިދާޅުވިއެވެ.
2013 ގެ ރިޔާސީ ކެމްޕޭނަށް ޖީއެމްއާރުން ރައީސް ޔާމީނަށް ފައިސާ ހުށަހެޅި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ