ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުގެ ވޯޓު ހޯދަން ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅަމުންދާ ކަމަށް ވެރިކަން ކުރާ ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ތުހުމަތު ފުރަތަމަ ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ. ނާޒިމް ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ކަންތައްތަކެއް ޅ.ހިންނަވަރުގެ ތެރޭގައި ކުރަމުންދާ ކަމަށާއި އެކަންކަމުގެ ތަފުސީލު އެމްޑީޕީގެ ފަރާތްތަކަށް އެކަން ކުރަމުން ދަނީ ކިހިނެއްކަން އެނގޭނެ ކަމަށެވެ. އިތުރު ތަފްސީލެއް ނާޒިމު ނުދެއްވައެވެ.
އެ ބައްދަލުވުމުގައި ނާޒިމްގެ ވާހަކަތަކަށް ބާރު ދެއްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރަށްރަށުގައި ތިބި އިސް ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅަމުންދާ ކަމަށެވެ. ޝިޔާމް ވަނީ ކިތަންމެ ފައިސާއެއް ހުށަހެޅި ނަމަވެސް ވޯޓު ވިއްކާ ނުލުމަށް ގޮވާލައްވާފައެވެ.
ނާޒިމްއާއި ޝިޔާމްގެ ވާހަކަތަކަށް ބާރު ދެއްވަމުން ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެކި ކަންކޮޅުތަކުން ބޮޑެތި އަދަދުތައް ދީގެން މެންބަރުން ބަދަލު ކުރުމާއި ކެމްޕޭންގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ނަގާލަން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
ނިހާން ވަނީ ފައިސާ ދީގެން އައިޑި ކާޑާއި ޕާސްޕޯޓު ފަދަ ތަކެތި ގަންނަމުންދާ ކަމަށާއި އެފަދަ ކަންތައްތަކަށް ޕީޕީއެމުން ހިތްވަރު ނުދޭނެ ކަމަށެވެ. ނިހާން ވިދާޅުވީ ފައިސާ ހުށަހަޅައިގެން ޕީޕީއެމްގެ މެންބަރުން ބަދަލު ކުރަން އުޅެނީ ކޮން ބައެއްކަން ހާމަ ނުކުރާނެ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އެކަން ބެލުމަށް ހުށަހަޅާނެ ކަމަށް ނިހާން ވިދާޅުވިއެވެ.
އިންތިހާބަށް ނުފޫޒު ފޯރުވަން ފައިސާ ބޭނުން ކުރާ ކަމުގެ ތުހުމަތު އިދިކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ