ދެވަނަ ބުރަކަށް ދިޔަޔަސް އެއްވަނާގައި އޮންނާނީ ޕީޕީއެމު: ރައީސް މައުމޫނު

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ދިޔަ ނަމަވެސް އެއްވަނާގައި ޕީޕީއެމު އޮންނާނެ ކަމަށް ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ޕީޕީއެމުގެ ކެންޑިޑޭޓަށާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް ދެކުނަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާ ވަޑައިގަންނަވަމުން މިރޭ ރައީސް މައުމޫނު ވިދާޅުވީ އުންމީދު ކުރައްވަނީ ފުރަތަމަ ބުރުން ޕީޕީއެމު ކާމިޔާބު ކުރާނެ ކަމަށެވެ. ރައީސް މައުމޫނު ވިދާޅުވީ އަތޮޅު ތެރެއާއި އެހެނިހެން ތަންތަނުން ވެސް މައުލޫމާތު ލިބޭ ގޮތުގައި މިހާރު ވެސް އެއްވަނާގައި އޮތީ ޕީޕީއެމު ކަމަށެވެ. އެހެން ކަމުން އިންތިހާބު ދެވަނަ ބުރަކަށް ދިޔަ ނަމަވެސް ޕީޕީއެމު އެކެއް ނުވަތަ ދެވަނައިގައި ދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާ އިރު، ޕީޕީއެމުންވަނީ އެޕާޓީން ހުށަހަޅާފައިވާ ބައެއް ޝަކުވާތަކަށް އިލެކްޝަނުން އެކަށިގެންވާ ޖަވާބެއް ދެވިފައިނުވާ ކަމަށް ބުނެފައެވެ. އަދި އެޕާޓީން ފާހަގަކޮށްފައިވާ ކަންތައްތައް ހައްލު ކުރުމަށް ކޯޓަށް ދިއުމަށް ވެސް އެޕާޓިންވަނީ ނިންމާފައެވެ.
ޕީޕީއެމުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކަކީ ނުކުރެވޭނެ ކަންތައްތަކެއް ކަމަށް އިލެކްޝަނުންވަނީ ބުނެފައެވެ. ނަމަވެސް ރައީސް މައުމޫނު ވިދާޅުވީ އިލެކްޝަނުން ބޭނުންވާ ނަމަ އެކަންތައްތައް ފުރިހަމަކޮށްގެން އިންތިހާބު އަދި ވެސް ބޭއްވިދާނެ ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ އިލެކްޝަން ކޮމިޝަނަކީ ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރަން ޖެހޭ ތަނެއް ކަމަށެވެ. އިންތިހާބައި ގުޅޭ ގޮތުން ޕީޕީއެމުގެ އިތުރުން އެހެން ޕާޓީތަކުގެ ވެސް ޝަކުވާތަކެއް އެބަހުރިކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. އަދި އިންތިހާބަށް ވާން ޖެހޭ ތައްޔާރީތައް އެންމެ ބޮޑަށް ފުރިހަމަ ނުވާ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ އިނދިކޮޅު އެމްޑީޕީއަށް 45 އިންސައްތަ ވެސް ކުރިއަށް އޮތް އިންތިހާބުގައި ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ