އުމަރު ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުނުވެއްޖެނަމަ ފިޔަވަޅު އަޅާނަން: ގާޒީ

ހޯމް މިނިސްޓަރު އުމަރު ނަސީރާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާއާއި ގުޅިގެން އޭނާ ކޯޓަށް ހާޒިރުވެވަޑައިނުގަންނަވާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މައްސަލަ ބައްލަވާ ގާޒީ ދެއްވައިފި އެވެ.
މިމައްސަަލައިގައި މިއަދާއި އަދި އެންމެ ފަހުން ބާއްވަން މަސައްކަތް ކުރި އަޑުއެހުން ވެސް ކެންސަލް ކުރަންޖެހުނީ އުމަރު ރާއްޖެ އިން ބޭރަށް ވަޑައިގަތުމާއި ގުޅިގެންނެވެ.
އުމަރުގެ މައްސަލަ ބައްލަވާ ގާޒީ އޭނާގެ ވަކީލުގެ ފަރާތުން ބައެއް ކަންކަން ސާފުކުރުމަށް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހަށް ބާއްވާ މިމައްސަލައިގެ އަޑުއެހުމަށް އުމަރު ވަޑައިނުގެންފިނަމަ އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އުމަރަކީ މިނިސްޓަރަކަށްވާތީ މިނިސްޓަރަކު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަންޖެހޭ ހިސާބަށް ކަންކަން ނުގެންދިއުމަށާއި އެގޮތަށް އަމަލުކުރަން މަޖުބޫރު ނުކުރުމަށް ވެސް ގާޒީ އެދިވަޑައިގެންނެވި އެވެ.
ގާޒީ ވިދާޅުވީ އުމަރު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވެވަޑައިގަތުމަށްފަހު ކަމަށެެވެ. އަދި އުމަރަށް ކޯޓަށް ހާޒިރުވެވެން ނެތް ކަން ހޯމް މިނިސްޓްރީން ކޯޓަށް އަންގަނީ ޝަރީއަތް ބާއްވާ ދުވަހު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުން ތާވަލްކުރީ މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން އުމަރު މާލޭގައި ހުންނަވާނެ ކަމަށް އެންގުމުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އުމަރު ކޯޓަށް ހާޒިރުނުވުމަކީ ކޯޓަށް ދަތިކުރުމަށް ކުރާ ކަމެއްގެ އިތުރުން ވަގުތު ބޭކާރު ކޮށްލުމަށް ކުރާ ކަމެއްގެ ގޮތުގައި ވެސް ގާޒީ ސިފަކުރެއްވި އެވެ.
މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އުމަރު ރާއްޖޭގައި ވަޑައިގެން ނޫޅުއްވާނެ ކަމަށް ހޯމް މިނިސްޓްރީން ކޯޓަށް އަންގާފައިވީނަމަވެސް ގާޒީ އަބްދުﷲ ދީދި ވިދާޅުވީ އުމަރުގެ ޝަރީއަތް ބުރާސްފަތި ދުވަހަށް ތާވަލް ކުރާނެ ކަމަށެވެ. އަދި އެ ދުވަހު ކޯޓަށް ހާޒިރުވެވަޑައިނުގެންފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ގާޒީ ވަނީ އުމަރުގެ ވަކީލަށް އަންގާފަ އެވެ.
ގާޒީގެ ވާހަކަތަކަށް އުމަރުގެ ވަކީލް މުހައްމަދު އާސިފް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ވީނިއުސް އަށް އެނގިފައިވާ ގޮތުގައި ރާއްޖެއަށް ކުއްތާ ގެނައުމަށްޓަކައި ނެދަލޭންޑަށް ކުރައްވާ ދަތުރުފުޅެއްގައި އުމަރު ރޭ ވަނީ ފުރާވަޑައިގެންފަ އެވެ. ނަމަވެސް އުމަރު މިވަގުތު ހުންނެވީ ސްރީލަންކާގައި ކަމަށް ވެސް އެނގިފައިވެ އެވެ.
އުމަރުގެ މައްޗަށް ކުރާ ދައުވާގައި ބުނަނީ ޖެނުއަރީ 23، 2012 ގައި އެމްއެމްއޭ ކައިރީގައި މުޒާހަރާ ކުރި މީހުންނާ މުހާތަބުކޮށް މުޒާހަރާގެ ހަރަކާތްތައް ބަދަލުކޮށްލުމަށާއި އެގޮތަށް ހަރަކާތްތައް ބަދަލުކޮށްލުމުން އެ ހަރަކާތްތައް ރައީސް އޮފީސް ކައިރީގަ އާއި ރައީސް އޮފީހަށް ބޭރުގެ ޑިޕްލޮމޭޓުން ދާ ގަޑީގަ އާއި އދ.ގެ މަންދޫބަކު އެއާޕޯޓަށް ފައިބައި ގަޑީގަ އާއި އދ. އޮފީސް ކައިރީގަ އާއި އެމްއެންބީސީ ކައިރީގައި ކުއްލިކުއްލިއަށް ހިނގާނެ ކަމަށް އުމަރު ވިދާޅުވެފައިވާ ކަމަށެވެ.
އަދި އެގޮތަށް ކަންތައްކޮށް ސިފައިންނަށް ދަތި ކުރުމަށާއި އެ ހަރަކާތަށް ބޭނުން ވަނީ 2000 ވޮލަންޓިއަރުން ކަމަށް ވިދާޅުވި އިރު އެ 2000 މީހުން ވަކި އިންތިޒާމެއްގެ ދަށުން އެ ހަރަކާތް ހިންގައި ދިވެހި ސިފައިން ވަރުބަލި ކުރުމަށްފަހު 12 ފޫޓުގެ 50 ހަރުގަނޑު ބޭނުންކޮށްގެން ދިފާއީ ބާރުގެ މައި މަރުކަޒުގެ ތެރެއަށް އެއްފަހަރާ ވަންނާނީ ކަމަށް ދޭހަވާ ގޮތަށް ވިދާޅުވެ ރާއްޖޭގެ އަމަންއަމާން ކަމަށް ގެއްލުން ލިބިދާނެ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް އުމަރު ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރުކޮށްފަ އެވެ.
މި ދައުވާ ސާބިތުވެއްޖެނަމަ ދެވޭ އަދަބަކީ ގިނަވެގެން 150ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭ ބަންދު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ