އަޒުމު ކަނޑައަޅަންވީ ދިވެހި ފަސްގަނޑުން އެހެން ދީންތަކަށް ޖާގަ ނުދޭން: ގާސިމް

މިއަދު ޢަޒުމު ކަނޑައަޅަންވީ އިސްލާމްދީން ނޫން އެހެންދީނަކަށް ދިވެހި ފަސްގަނޑުން ޖާގަ ނުދީ ދެމިތިބެ، ދީނީ ބައިބައިވުން އުފެއްދުމަށް އަންނަ ހުރިހާ ގޮންޖެހުންތަކެއް ނެތިކޮށްލަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވި ދުވާ ގުޅުވައި އެމަނިކުފާނު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވަނީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި ދިވެހީން ދެމިތިބޭތާ، 887 އަހަރު ފުރިހަމަވި މުނާސަބަތުގައި މާތްﷲ ހަމްދާ ޝުކުރުގެ ބަސްތައް ތަކުރާރާ ކަމަށާއި ދިވެހި ލޮބުވެތި ވަތަން އަބަދުވެސް ސައްތައިން ސައްތަ އިސްލާމީ މުޖްތަމަޢެއްގެ ގޮތުގައި ލެހެއްޓެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގާސިމް ވިދާޅުވީ މީލާދީން 1153 ވަނަ އަހަރު، ދިވެހިން އިސްލާމްދީނަށް އެނބުރުނީ، އެއްބައިވަންތަކަމާ ޞުލްހަވެރިކަމުގެ ރީތި މިސާލެއް ދައްކަމުން ކަމަށާއި ދިވެހި އެންމެހާ ރަޢިއްޔަތުން ވެސް މި ކީރިތި މޫރިތި ދީން ގަބޫލުކޮށް ދެއްކީ ނަމޫނާއެއް ކަމަށެވެ.
"ރާއްޖެ އެހިނދު ފެތުރިފައިއޮތް މަލިކުން ފެށިގެން އައްޑުއާ ދޭތެރޭގެ މުޅި ސަރަޙައްދުގައި ހުރި އެހެން ދީންތަކުގެ އަސަރުތަކަށް ފަސްއަޅާ ފޮރުވާލައި، މީހުން އުޅޭ ކޮންމެ ހިކިފަސްތަނަކު ބަންގި ގޮވައި، ނަމާދު ގާއިމުކޮށް، ﷲގެ ކަލިމަފުޅުން ޒިކުރުކޮށް އުޅުމުގެ އާދަ ދިވެހީންގައި ހިފުމަށް ނެގީ ދާދި ކުޑަދުވަސްކޮޅެކެވެ. އެއިރުއްސުރެ އަދާ ހަމަޔަށް ވެސް ދިވެހީން އެއްބައިވަންތަކުރުވާ އެންމެ ވަރުގަދަ ބާރުކަމުގައި، އަދި ދިވެހި ސަގާފަތާ އާދަކާދައާ އަމިއްލަވަންތަކަމުގެ މުގޫކަމުގައި، އަދި ދިވެހި އުންމަތުގެ ސަލާމަތުގެ އައްޑަނަ ކަމުގައި ވެފައިވަނީ މާތްވެގެންވާ އިސްލާމްދީނެވެ." ބަޔާނުގައި ވެއެވެ. "އެހެންކަމުން މިއަދުވެސް އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަންވީ އިސްލާމްދީން ނޫން އެހެންދީނަކަށް މި ފަސްގަނޑުން ޖާގަނުދިނުމުގެ ޢަޒުމުގައި ދެމިތިބުމަށެވެ. ދީނީ ބައިބައިވުން އުފެއްދުމަށް އަންނަ ކޮންމެ ގޮންޖެހުމެއް ނެތިކޮށްލުމަށެވެ. އެއްބައެއް ވަންތަ އިސްލާމީ މުޖުތަމަޢެއްގެ ގޮތުގައި ދިވެހިޤައުމު އަޅުގަނޑުމެންނާ ހަމަޔަށް ކާބަފައިން ގެނަސްދެއްވި ފަދައިން، އެ އަމާނާތް އަންނަ އޮތް ޖީލުތަކަށްވެސް ހަމަ މިގޮތުގައި ރައްދުކޮށްދިނުމަށެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ