މެންބަރުންގެ ސަލާމަތީ ޚިދުމަތްތައް ހަމަޖެހިފައި ނުވާތީ ގާސިމް ކަންބޮޑުވުން ފާޅު ކުރައްވައިފި

މެންބަރުންގެ ސަލާމަތީ ހިދުމަތްތައް ހަމަޖެހިފައި ނުވާތީ ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޮނަރަބްލް ގާސިމް އިބްރާހީމް މި ކަންބޮޑުވުން ފާޅުކުރެއްވީ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނެންގެވި ނިޒާމީ ނުކުތާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ މެންބަރުންގެ ސަލާމަތް ޔަގީންކޮށްދިނުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށާއި މެންބަރުންނާއި ދެކޮޅަށް ހަމަލާ ދޭ މައްސަލައަކީ އާ މައްސަލައެއް ނޫން ކަމަށެވެ. އެގޮތުން، ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން އާއި އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު އަށް ދިން ހަމަލާތައް ފާހަގަކުރައްވާ އެ ހަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް ވީހާވެސް އަވަހަކަށް ސެކިއުރިޓީ ހަމަޖައްސަވައިދެއްވުމަށް ގޮވާލެއްވިއެވެ.
މި މައްސަލައިގައި ޕީޕީއެމްގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުވެސް މިއަދު ވާހަކަފުޅު ދެއްކެވިއެވެ. ނިހާން ވިދާޅުވީ މެންބަރުންގެ ސެކިއުރިޓީ އަވަސްކޮށްދެއްވުމަށް މަޖިލިހުގެ ރައީސް ކުރައްވާ މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ. ހާއްސަކޮށް މެމްބަރު މުބީނަށް ދިން ހަމަލާ ކުށްވެރިކުރާ ކަމަށް ނިހާނު ވިދާޅުވިއެވެ.
މީގެ ހަތަރު ދުވަސްކުރިން މެންބަރު މުބީން އަށް ހަމަލާދީފައިވާ އިރު، ޖޭޕީން ވަނީ އެކަން ކުއްވެރި ކުރާ ކަން ހާމަކޮށްފައެވެ އަދި ޖޭޕީގެ މެމްބަރަކަށް ހަމަލާދީފައި މިވަނީ މާލެ އާއި އަތޮޅުތަކުގައި މާރާމާރީ ހިންގުމާއި ތޫނު ހަތިޔާރުން ހަމަލާދިނުން އިތުރުވެފައި ވާތީ ޖޭޕީން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައި ކަމަށްވެސް ޖޭޕީން ވަނީ ފާހަގަ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ