ފުނަދޫ ދާއިރާގެ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ އިންތިހާބު ބާތިލް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ އަޑުއެހުންތައް ނިންމާލައިފި އެވެ.
ފުނަދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހައިކޯޓަށް ހުށަހެޅުއްވީ އެދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބުވި އެމްޑީޕީގެ ކެންޑިޑޭޓް އައްބާސް މުހައްމަދު އެވެ. ފުނަދޫ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަދި އެދާއިރާގެ މެންބަރު ކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ އަލީ ސަލީމަށް އިންތިހާބުގައި 930 ވޯޓް ލިބިވަޑައިގެންފައިވާއިރު އައްބާސްއަށް ލިބިވަޑައިގެންނެވީ 855 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އިބްރާހީމް ރަމީޒަށް 557 ވޯޓް ވަނީ ލިބިފަ އެވެ.
ފުނަދޫ ދާއިރާގެ އިންތިހާބުގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި މިއަދު ތާވަލްކޮށްފައި އޮތީ މެންދުރުފަހު 2:00 ޖެހިއިރު އެވެ.
މައްސަލައިގެ މިއަދުގެ އަޑުއެހުމަށް އައްބާސް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ. އައްބާސްގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި އޭނާގެ ގާނޫނީ ވަކީލް ޝާހިދު އަބްދުއްސަމަދު ވިދާޅުވީ އިންތިހާބު ބާތިލް ކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅީ ފުނަދޫ ދާއިރާގައި ހިމެނޭ ށ. މާއުނގޫދޫގައި ބެހެއްޓި ވޯޓު ފޮށި މާ ފަހުން ބަންދުކޮށްފައިވާތީ ކަމަށެވެ. އެގޮތުން އެފޮއްޓަށް ހަވީރު 5:00ގެ ފަހުން ބަޔަކު ވޯޓް ލާފައި ނެތް ނަމަވެސް ވޯޓް ފޮށި ބަންދުކުރީ ހަވީރު 5:50 އެހާއިރު ކަމަށް ޝާހިދު ވިދާޅުވި އެވެ. އެ ފޮށި ފަހުން ބަންދުކުރުމުގެ އިތުރުން އެ ފޮށި ގުނަން ފަށާފައި ވަނީ ވެސް އެހެން ދާއިރާތަކުގެ ވަގުތީ ނަތީޖާތައް އިއުލާންކުރި ފަހުން ކަމަށް ވާތީ އެއީ ވޯޓުގެ ސިއްރުކަން ގެއްލި ވޯޓަށް ނުފޫޒު ފޯރުވޭނެ ހާލަތެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން އަލީ ސަލީމުގެ ފަރާތުން ބައެއް ފަރާތްތަކުގެ އައިޑީކާޑުތައް ގަތުމާއި ކެމްޕޭން މެޓީރިއަލްތައް މަނާގަޑިތަކުގައި މަގުތަކަށް އަޅަމުން ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް ނަތީޖާ އިއުލާންކުރީ ޝަކުވާތަކަށް ޖަވާބު ދިނުމެއް ނެތި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ އަދި ހެކިންގެ ގޮތުގައި 16 ފަރާތެއް އޭނާ ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ.
އައްބާސް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލް ހުސައިން ސިރާޖު ވިދާޅުވީ މާއުނގޫދޫގައި ވޯޓް ލުން ފެށުނީ ދިމާވި ކަމެއްގެ ސަބަބުން ލަހުން ކަމަށާއި ލިޔެކިޔުންތަކުން އެކަން ފެންނަން ހުންނާނެ ކަމަށެވެ. އަދި ވޯޓްލާ ގަޑިއާއި ބަންދުކުރާ ގަޑި ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއަކަށްވާތީ އެއީ އިންތިހާބީ ދާއިރާއެއްގެ އިންތިހާބު ބާތިލްކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ސިރާޖު ވިދާޅުވި އެވެ. އައްބާސްގެ ޝަކުވާތަކަށް ޖަވާބު ނުދީ ނަތީޖާ އިއުލާންކުރީ ވަކި މުއްދަތެއްގެ ތެރޭގައި ކޮމިޝަނުން ނަތީޖާ އިއުލާންކުރަންޖެހޭތީ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ. އަދި ނަތީޖާ އިއުލާންކުރުމަކީ ޝަކުވާތަކަށް ޖަވާބު ނުދެވޭނެ ކަމެއް ނޫން ކަަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.
ފުނަދޫ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވި އަލީ ސަލީމް ވަނީ މިއަދުގެ އަޑުއެހުމަށް ތަދައްޚުލް ވެފަ އެވެ. އޭނާގެ ފަރާތުން ކޯޓުގައި ވާހަކަދެއްކެވީ ކުރީގެ ބަންޑާރަނައިބް އާޒިމާ ޝަކޫރު އެވެ. އޭނާ ވިދާޅުވީ ވޯޓް ފޮއްޓެއް ލަހުން ބަންދުކުރުމަކީ ވަކި ކެންޑިޑޭޓަކަށް އެކަމުން ފައިދާއެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ވޯޓްލީ ދުވަހުގެ ހަވީރު 5:00 ޖެހުމުގެ ފަހުން މާއުނގޫދޫ ވޯޓް ފޮއްޓަށް އެއްވެސް މީހަކު ވޯޓްލާފައި ނުވާ ކަމަށް ދައުވާކުރާ ފަރާތުން ބުނާތީއާއި ސަލީމް ހުރި ސަރަހައްދުން ފުރައިގެން މާއުނގޫދޫއަށް ދާން ބޭނުންވި ކަމުގައިވިޔަސް އެންމެ އަވަހަށް ވެސް ސަލީމަށް އެރަށަށް ދެވޭނީ ވެސް 5:00 އެހާއިރު ކަމަށްވާތީ ސަލީމަށް ވޯޓަށް ނުފޫޒު ފޯރުވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވެސް އާޒިމާ ވަނީ ވިދާޅުވެފަ އެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި، ފަނޑިޔާރު ޔޫސުފް ހުސައިނުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޔޫސުފް ހުސައިން އެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ އިތުރުކަމެއް ސާފުކުރަންނުޖެހޭނަމަ ދެން އޮންނަ އަޑުއެހުމެއްގައި މިމައްސަލައިގައި ހުކުމް އިއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ