"އިރްމާ" ގެ ނަމުން ނަން ދެވިފައިވާ ބާރުގަދަ ތޫފާން އެމެރިކާގެ ފްލޮރިޑާއާއި ދިމާއަށް ދަތުރުކުރަމުން އަންނާތީ ފްލޮރިޑާގެ 5.6 މިލިއަން ރައްޔިތުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް ކަމާބެހޭ ފަރާތްތަކުން އަމުރު ކޮށްފިއެވެ.
އެމެރިކާގެ ޑިވިޜަން އޮފް އިމަޖެންސީ މެނޭޖްމަންޓްއިން ބުނީ، ކިއުބާގެ ކަމަގުއޭ ރަށްތައް ސުންނާފަތި ކުރުމަށްފަހު ތޫފާން އިރްމާ މިހާރު މިސްރާބު ޖަހާފައިވަނީ ފްލޮރިޑާގެ މަޔާމީއާ ދިމާއަށް ކަމަށެވެ. ތޫފާނުގެ ބާރުމިން މިހާރު ހުރީ 5 ވަނަ ދަރަޖައިގައި ކަމަށާއި، ތޫފާނާއެކު ގަޑިއަކު 160 މޭލު ބާރުމިނުގައި ވައިޖެހެމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.
ރިޕޯޓްތައް ބުނާގޮތުން، ތޫފާން އިރްމާ އެމެރިކާގެ މަޔާމީއާ ހަމައަށް ކުރިއަށްއޮތް ގަޑިއެއްހާ އިރުގެ ތެރޭގައި ފޯރާނެއެވެ. އެހެން ނަމަވެސް، މިހާރުވެސް މަޔާމީއަށް ވައިގަދަ ބޯކޮށް ވާރޭ ވެހެމުންދާ ކަމަށް ވެއެވެ.
އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނެފައިވަނީ، ތޫފާން އިރްމާގެ އަސަރު ޕްލޮރިޑާގެ އައްސޭރި ފަށަށް މިއަދާއި މާދަމާވެސް ކުރާނެ ކަމަށެވެ. އޭގެފަހުން ތޫފާން މިސްރާބު ޖަހާނީ ރަށުތެރެއަށް ކަމަށްވެސް ބުނެފައި ވެއެވެ.
ތޫފާން އިރްމާ އެމެރިކާގެ ފްލޮރިޑާއާއި ދިމާއަށް މިސްރާބުޖެހީ އޭގެ ސަބަބުން ކެރީބިއަންގެ ރަށްތަކަށް ވަރަށްބޮޑެތި ގެއްލުންތައް ލިބުމަށްފަހުގައެވެ.
ތޫފާނުގެ ސަބަބުން މިހާތަނަށް 19 މީހުން މަރުވެފައި ވާއިރު، ޖަޒީރާ ކުދި ރަށްތައް ކަމަށްވާ ބާރތެލެމީއާއި، މާރޓިންއާއި، އެންޓިކުއާ އެންޑް ބާރބިއުޑާގެ ވަރަށް ބޮޑުބައެއް ވަނީ ސުންނާފަތި ވެފައެވެ. އެ ރަށްތަކުގެ ގެތަކުގެ %60 ވަނީ ތޫފާނުގެ ސަބަބުން ހަލާކުވެފައެވެ. ފައިސާގެ ހިސާބުތަކުންނަމަ އެ ދެރަށަށް 1.2 ބިލިއަން ޔޫރޯގެ ގެއްލުން ވެފައިވާ ކަމަށް ވެއެވެ.
ކެރީބިއަންގެ ރަށްތަކަށްފަހު މި ތޫފާން އަރާފައިވަނީ ވާރޖިން އައިލެންޑްސް އަށާއި، ޕުއެޓޮ ރީކޯއަށެވެ.
ބާރުގަދަ ތޫފާނެއް އަންނާތީ ފްލޮރިޑާގެ 5.6 މިލިއަން ރައްޔިތުން ގެދޮރު ދޫކޮށް ދިއުމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ