ފުރާނައަށް ނުރައްކާ ވެދާނެތީ އިތުރު ފަރުވާއަށް ގާސިމް ބޭރަށް ފޮނުވަން އައިޖީއެމްއެޗުން ލަފާދީފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ބޭނުންވާ ފަރުވާ ލަސްވެއްޖެނަމަ ފުރާނައަށް ނުރައްކާވެދާނެތީވެ، އިތުރު ފަރުވާ ދިނުމަށް ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ލަފާ ދީފިއެވެ. ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިންނަވަނިކޮށް ގާސިމް ވަނީ އަނބުރައިގަނެގެން ކޯޓު ތެރެއަށް ވެއްޓިފައެވެ. އަދި ވަގުތުން އެމްބިއުލާންސްގައި އޭނާ އަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗަށެވެ. ގާސިމްގެ ސިއްހީ ހާލަތާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ހިތުގެ ޑޮކްޓަރު އަލީ ޝަފީގު ދެއްވާފައިވާ ލިޔުުގައި ބުނެފައިވަނީ، ގާސިމްއަށް ބޭނުންވާ ފަރުވާ އެ ހޮސްޕިޓަލުން ދެވެން ނެތުމުން ވީ އެންމެ އަވަހަކަށް ރާއްޖޭން ބޭރަށް ފޮނުވައި ދިނުމަށް އެދިފައިވެއެވެ. އަދި ފަރުވާދިނުން ލަސްކޮށްފިނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ވެސް ބުނެފައިވެއެވެ. ޑޮކްޓަރުގެ ލިޔުމާއެކު ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރު ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ، ގާސިމްގެ ޕާސްޕޯޓް ވަގުތުން ދޫކޮށްލުމަށް ކޯޓުތަކަށް ގޮވާލާފައެވެ. އިތުރު ފަރުވާއަށް ގާސިމް ރާއްޖޭން ބޭރަށް ފޮނުވަން ސަރުކާރުގެ މައި ހޮސްޕިޓަލުން ލަފާ ދީފައިވާއިރު، ގާސިމް ހިތުގެ އޮޕަރޭޝަނެއް ކުރަންޖެހޭނެ ކަމަށް ސަރުކަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުންނާއި އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން މެޑިކާ ހޮސްޕިޓަލުން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން މި މަހުގެ ކުރީކޮޅު އޭޑީކޭގެ އައިސީޔޫގައި އެޑްމިޓް ކުރުމުން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ހިތުގެ ހާއްސަ ޑޮކްޓަރު ޕްރަތީކް ސިންގް ވެސް ވަނީ އިމަޖެންސީކޮށް ގާސިމްގެ ހިތުގެ ސްކޭނެއް ހަދަންޖެހޭ ކަމަށް ވިދާޅުވެ ބަޔާނެއް ނެރެފައެވެ. ގާސިމް ހަދަން ޖެހޭނެ ކަމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ސްކޭނަކީ ހިތުގެ ހިނގުން ދެނެގަތުމަށާއި ހިތަށް ލޭ ދައުރުކޮށްދޭތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. އެ ޓެސްޓް ރާއްޖޭން ހެދޭކަށް ނުހުރެ އެވެ. ނަމަވެސް ޕާސްޕޯޓް ހިފަހައްޓާފައިވުމުން ރާއްޖެއިން ބޭރަށް ވަޑައިގެން ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނުވިއެވެ. މިއަދުގެ އަޑުއެހުމުގައި އޮތީ ގާސިމްގެ ފަރާތުން ހެކިތަކާ ގުޅޭ ގޮތުން ވާހަކަދެއްކުމާ ޚުލާސާ ބަޔާން ހުށަހެޅުމެވެ. ނަމަވެސް އަނބުރައިގަނެގެން ވެއްޓުމާއެކު ޝަރީއަތް ވަނީ މެދުކަނޑާލާފައެވެ. ގާސިމްގެ މައްޗަށް އެ ދައުވާ އުފުލީ ޖުމްހޫރީ ޕާޓީ ދޫކޮށް ޕީޕީއެމާ ގުޅުވަޑައިގެންނެވި މެމްބަރުން އަނބުރާ އެ ޕާޓީއާ ގުޅިވަޑައިގެންފިނަމަ 2019 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގެ ޓިކެޓް ދިނުމުގެ އިތުރުން އެހެނިހެން ގޮތް ގޮތުން ވެސް އެހީތެރިވާނެ ކަމަށް ޖަލްސާއެއްގައި ވިދާޅުވެފައިވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ