އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މައުމޫން ތަހުނިޔާ ވިދާޅުވެއްޖެ

އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަހުގެ މިނާސަބަތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އެ ޕާޓީ އަށް މިއަދު ތަހުނިޔާ ފޮނުއްވައިފި އެވެ.
މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ވަނީ، އެ މަނިކުފާނުގެ އިސްނެންގުމާއެކު އެކުލަވައިލި އިސްލާހީ އެޖެންޑާގެ ދަށުން އެންމެ ފުރަތަމަ އުފެއްދި ޕާޓީގެ ލީޑަޝިޕާއި ހުރިހާ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެމްޑީޕީން ކުރަމުން އަންނަ އިސްލާހީ މަސައްކަތަށް ކާމިޔާބީ އަށް ވެސް އެދިވަޑައިގެންފައި ވެ އެވެ.
މައުމޫނާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުން ސިޔާސީ ގޮތުން އެއްގަލަކަށް އަރުއްވައި، މީގެ ތިން މަހެއްހާ ދުވަސް ކުރިން އެއްބަސްވުމެއްގައި ސޮއި ކުރެއްވި ފަހުން، މައުމޫނާއި އެމްޑީޕީއާ ދެމެދުގައި އޮތް ގުޅުން ވަނީ ވަރަށް ރަނގަޅުވެފަ އެވެ.
މި ރޯދަ މަހު މައުމޫން ފައުންޑޭޝަނުން ބޭއްވި އިހްޔާ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު، ރައީސް މައުމޫނާއި ސަލާމް ކުރައްވަނީ .---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މައުމޫން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު މީގެ ދެ ހަފުތާ ކުރިން މާލެ ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ބައެއް އިސްވެރިން ވެސް ވަޑައިގަތެވެ. އަދި މިދިޔަ ރޯދަ މަހު، މައުމޫން ފައުންޑޭޝަނުން ބޭއްވި ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޖަލްސާގައި ވެސް އެ ޕާޓީގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އޭގެ އިތުރުން މައުމޫންގެ މަންދޫބެއްގެ ގޮތުން އެ މަނިކުފާނުގެ ދަރިކަނބަލުން، ޔުމްނާ މައުމޫން ލަންކާ އަށް ވަޑައިގެން، ކުރީގެ ރައީސް ނަޝީދާ ބައްދަލު ކުރައްވާފައިވާ އިރު އަނެއް ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވަނީ އެމްޑީޕީން ބޭއްވި ބައެއް ޖަލްސާތަކުގައި ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ