މެމްބަރު ވައްޑެ ހައްޔަރުކޮށް، ދޫނިދޫއަށް ގެންގޮސްފި

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫއަށް ގެންގޮސްފިއެވެ.
 
ފުލުހުން އޭނާ ހައްޔަރު ކުރީ މ. ކުނޫޒު ސަރަހައްދުން ހޯމަ ދުވަހުގެ ރޭ 23:30 ހާއިރު އެވެ. އަދި ދޫނިދޫއަށް ގެންގޮސްފައިވަނީ ފުލުހުންގެ އިދާރާގައި ބެހެއްޓުމަށްފަހު ދަންވަރު ދޭއް ޖަހާ އެހާކަންހާއިރު އެވެ.
 
 ހައްޔަރުކުރަން ފުލުހުން ހޯދި ކޯޓް އަމުރުގައި ބުނެފައި ވަނީ އޭނާ ހައްޔަރުކުރަން ޖެހެނީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ބަޔަކު ފުލުހުންގެ ސަފުތައް ފަޅާލައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށް ތުހްމަތު ކުރެވޭ މައްސަލައިގައި މުހައްމަދު ވަހީދު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ އޭނާގެ ފުށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އާއި މައްސަލައިގެ ހެއްކަން ނުފޫޒު ފޯރުވާފާނެތީ އެވެ.
 
މެމްބަރު ވަހީދުގެ މައްޗަށް ލިބިފައިވާ ހެއްކެއްގެ ގޮތުގައި އަމުރުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ސިޓީއެއްގެ ކޮޕީއެވެ.
 
ޕީޕީއެމްއިން ވަކިކުރި މެމްބަރުންގެ ގޮނޑީ ގެއްލުމާ ގުޅޭ ގޮތުން މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވެ އެވެ. އެ މެމްބަރުންގެ ގޮނޑީ ގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ނަމަވެސް، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަ އެވެ.
 
މަޖިލީހުގެ އިދާރާއަށް ފުލުހުން ވަދެ ހޯމަ ދުވަހު ވެސް ވަހީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި މަޖިލީހުން ކަނޑައަޅާފައިވާއިރު، ތުހްމަތުކުރީ މެމެބަރެއްގެ ގޮތުގައި ނެތި މަޖިލީހުގެ އިދާރާއަށް ވެންނެވުމެވެ. ގޮނޑި ގެއްލުނު މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމާފައި ނުވެ އެވެ.
 
މެންބަރު ވައްޑެ ހައްޔަރުކޮށްފައިވާ އިރު ހޯމަ ދުވަހު ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނޯންނާނެ ކަމަށް އެ އިދާރާއިން ރަސްމީކޮށް އިއުލާން ކޮށްފައިވަނިކޮށް، މަޖިލީހަށް ދިއުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ފުލުހުންގެ ކޯޑަން ތެރެއަށް ވަތް މައްސަލަ ބަލަމުންދާ ކަމަށެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ