ބިރު ދެއްކުމާއި ނުފޫޒު ބޭނުންކޮށްގެން ވަގުތީ ހިތްހަމަޖެހުމެއް ލިބިދާނެ ކަމަށާއި، އެހެނަސް ދެން އޮތީ ވިއްސާރަ މޫސުން ނިމި އުފާވެރި ދުވަސްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
"ބިރުދެއްކުމާއި ނުފޫޒު ބޭނުންކޮށްގެން ވަގުތީ ހިތްހަމަޖެހުމެއް ލިބިދާނެ. އެހެނަސް ވިއްސާރަ މޫސުން ނިމި އުފާވެރި ދުވަސްތަކެއް ދެން އޮތީ" އިލްހާމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަށް މިއަދުން ފެށިގެން ޢަމަލު ކުރުމަށް ނިންމާފައިވާއިރު، އެ ނިންމުމުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވޭއިރު ހުންނަ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވިޔަސް، ޕާޓީން ވަކިވިޔަސް، ވަކި ކުރިޔަސް އަދި އެހެން ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހު މަޤާމުން ދުރުކުރުމަށްޓަކައި މައްސަލަ ވެއްދުމަށް ސޮއިކުރި ޕީޕީއެމް މެމްބަރުންގެ ތެރޭގައި އިލްހާމްވެސް ހިމެނިވަޑައިގަންނަވާއިރު، އޭނާވެސް ވަނީ ޕާޓީން ވަކިވުމަށް ސިޓީ ފޮނުއްވާފައެވެ.
އިލްހާމް ޕީޕީއެމްއިން ވަކިވާ ސިޓީ ފޮނުއްވީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރައްވަން ބޭނުންވާތީ ކަމަށް ވިދާޅުވެއެވެ.
އިލްހާމް ޕީޕީއެމް އިން ވަކިވެފައިވާއިރު، އޭނާ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ޕީޕީއެމްގެ ޕާލިމެންޓްރީ (ޕީޖީ) ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަމުގެ މަޤާމުންނާއި މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގެ މުގައްރިރުކަމުގެ މަޤާމުން އިސްތިއުފާދެއްވާފައެވެ.
މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓު 45 މެމްބަރުންގެ ސޮޔާއެކު ވެއްދިއިރު، އިލްހާމް ހިމެނިވަޑައިގަންނަވާ ގޮތަށް ވެރިކަންކުރާ ޕީޕީއެމްގެ 10 މެމްބަރަކުވަނީ ސޮއިކޮށްފައެވެ. އޭގެތެރޭގައި ހިމެނޭ 9 މެމްބަރަކު ވަނީ ޕީޕީއެމް އިން ވަކިވުމަށް ސިޓީ ފޮނުއްވާފައެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް ބަލާއިރު ޕީޕީއެމްއިން އެންމެފަހުން ވަކިވި މެމްބަރުން އަދި ޕާޓީން ވަކިވެފައިނުވާނެ ކަމަށް ބެލެވެއެވެ. އެއީ އެ މެމްބަރުން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން އުނިކޮށްފައި ނުވާތީއެވެ.
އެހެންކަމުން އެ މެމްބަރުން ދެން ދަފްތަރުން އުނިކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެއެވެ.
ދެން އޮތީ ވިއްސާރަ މޫސުން ނިމި އުފާވެރި ދުވަސްތަކެއް: އިލްހާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ