މަޖިލިސް ރައީސް އަމިއްލަ ކަރަންޓީނަށް ވަޑައިގެންނެވުމަށް ފެލިދޫ ދާއިރާގެ މެންބަރު ގޮވާލައްވައިފި

ފަރުދީ ޒިންމާ އަދާކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 14 ދުވަހުގެ އަމިއްލަފުޅަށް ކަރަންޓީނަށް ވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ގޮވާލައްވައިފިއެވެ.
ކޮވިޑް 19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާއިން ފެށިގެން ސަރުކާރު ބަންދު ކުރުމަށް ނިންމަވާފައިވާއިރު، ރައްޔިތުންގެ މަޖިލިސް ވެސް ބަންދުކުރަން ޖެހޭތޯ ބެލުމަށް މަޖިލީހުގެ މެންބަރުންގެ ހިޔާލަށް ހުޅުވާލައިގެން މިއަދު ކުރިއަށް ގެންދާ ބަހުސްގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ، މަޖިލިސް ރައީސް ރާއްޖޭން ބޭރު ގައުމަކަށް (ޔޫކޭ) އަށް ވަޑައިގެންނެވުމަށްފަހު ރާއްޖެ ވަޑަައިގެންނެވީ ވައިރަސް ހިއްޕަވައިގެން ނޫންކަން ނޭނގޭ ކަމަށެވެ.
"ފަރުދީ ޒިންމާ ނެގުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެބަޖެހޭ، 14 ދުވަހުގެ އަމިއްލަ ކަރަންޓީނަށް ވަޑައިގަންނަވަން އެއީ ޔޫކޭ، ބޭރުގައުމަކަށް ވަޑައިގެންފަ ވަޑައިގެންނެވީ ވައިރަސް ހިފައިގެންކަމެއް ނޫންކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ މިތަނުގައި ތިބި އިއްޒަތްތެރި މެންބަރުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު އޮވެދާނެތީވެ، އަޅުގަނޑު މިހެން މިދެންނެވީ، މީގެ އިތުރުން އަޅުގަނޑުމެންގެ މިތާ އެ ތެރޭގައި ތިބޭ މުވައްޒިފުންނަށް ވެސް އެފުރުސަތު އޮވެދާނެތީ އަމިއްލައަށް ކަރަންޓީނު ވުމަށް ގޮވާލަން،" ފަޒުލް ވިދާޅުވިއެވެ.
މިކަމާގުޅިގެން ވަންއޮންލައިންއަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މަޖިލިސް ރައީސް އެންމެ ފަހުން ރާއްޖޭން ބޭރަށް ވަޑައިގެންނެވީ، ހުސްވި ފެބްރުއަރީ މަހު 27 ގައި އިންޑިއާގެ ފައުންޑޭޝަނުން ގުޖުރާތުގެ ޓެންޓް ސިޓީގައި ބޭއްވި ހަ ވަނަ އިންޑިއާ އައިޑިއާސް ކޮންކްލޭވް ބައްދަލުވުމަށް ކަމަށެވެ. އޭގެ ފަހުން މަޖިލިސް ރައީސް ރާއްޖޭން ބޭރަށް ވަޑައިގެންނެވިކަން އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައަށް ވާހަކަ ދައްކަަވަމުން ފަޒުލް ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އައުން ބޮއިކޮޓް ކުރުމަށް ގޮވާލަމުން އަންނަ އެމްޑީޕީއަށް އެމީހުންގެ ވެރިކަމުގައި އަމިއްލައަށް ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލަން ޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މިދަނޑިވަޅުގައި ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް، ސިޔާސީ ފަރާތްތަކުން މުސާރަ 20 ޕަސެންޓްގެބަދަލުގައި 50 ޕަސެންޓަށް ކުޑަކުރަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަވެސް 50 ޕަސެންޓަށް ކުޑަކުރަން ޖެހޭ ކަމަށެވެ. އަދި އެއާޕޯޓްތަކުގައި މަސައްކަތް ކުރާ މީހުުންނާއި ސީޕްލޭންތަކުގައި މަސައްކަތްކުރާ މީހުންނާއި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތަށް ޓަކައި މުޅި ގައުމު ލޮކްޑައުން ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ސިވިލްސާވަންޓުނާއި ރިސޯޓްތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދީފައިވާ ލޯން މިވަގުތަށް ކަނޑާލަން ޖެހޭ ކަމަށެވެ. އަދި މަޖިލިސް ކުރިއަށްދާން ޖެހޭނެ ކަމަށާއި މަޖިލީހުގެ ކޮމިޓީތައްވެސް ކުރިއަށްދާން ޖެހޭނެ ކަމަަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ