އާމްދަނީ ލިބޭނެ ގޮތެއް ނެތް ފަރާތްތަކަށް ސަރުކާރުން ފައިސާ ދިނުމަށް ޣައްސާން ގޮވާލައްވައިފި

މިވަގުތު އަމިއްލަ އަތުން ޚަރަދުބަރަދު ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތެއް ނެތް އާމްދަނީ ލިބުމަށް ދަތިވެފައިވާ ފަރާތްތަކަށް ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް، ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް މުޙައްމަދު ޣައްސާން މައުމޫނު ގޮވާލައްވައިފިއެވެ. ޣައްސާން މިފަދައިން އެދިވަޑައިގަތީ މިއަދު އޮތް ރައްޔިތުން މަޖިލިހުގެ ޖަލްސާގައެވެ. އިންޓަނެޓު މެދުވެރިކޮށް ކުރިއަށް ގެންދިޔަ ޖަލްސާގައި ޣައްސާން ވިދާޅުވީ ސަރުކާރުން ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ޞިއްޙީ މާހިރުންގެ ލަފައާއި އިރުޝާދު އަޑުއަހާ ފަދައިން އިޤުތިޞާދަށް ކުރިމަތިވާ ދަތިތަކާމެދު ފިޔަވަޅު އެޅުމުގައި އިޤުތިޞާދީ މާހިރުންގެ ލަފައާއި އިރުޝާދު އަޑުއެހުމަށް އިލްތިމާސްކުރައްވާ ކަމުގައެވެ. އޭގެ އިތުރަށް ޣައްސާން ވިދާޅުވެފައިވަނީ ދުނިޔޭގެ ގިނަ އިޤުތިޞާދީ މާހިރުން އަދި ދިވެހިރާއްޖޭގެ އިޤުތިޞާދީ މާހިރުންވެސް އެދެމުންދަނީ އާމްދަނީ ލިބޭނެ ގޮތްތަކެއް ނެތިވާ ފަރާތްތަކަށް އެހީތެރިވުމަށް ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފުކުރުމަށް ކަމުގައެވެ. "ނަމަވެސް އަޅުގަނޑަށް ހީވަނީ މިބެއިލް އައުޓް ޕެކޭޖުގައި ދުނިޔޭގެ އިޤުތިޞާދީ މާހިރުން ވިދާޅުވާ ގޮތަށާއި، ދިވެހިރާއްޖޭގެ އިޤުތިޞާދީ މާހިރުން ވިދާޅުވާ ގޮތަށް ސްޓިމިއުލަސް ޕެކޭޖެއް ހިމެނެންޖެހޭ ހެން. އެއީ ސީދާ އަސަރުކޮށްފައިވާ ރައްޔިތުންނަށް ފައިސާ ދިނުން" ޣައްސާނު ވިދާޅުވިއެވެ. އަދި ޣައްސާން ވިދާޅުވީ އޭގެ ބޭނުމަކީ މަހުން މަހަށް ދުވަހުން ދުވަހަށް އެމީހުން ކުރަންޖެހޭ ޚަރަދުތައް ކުރެވޭ ގޮތަށް ސީދާ އެމީހުންގެ އަތަށް ފައިސާ ދިނުން ކަމުގައެވެ. އަދި އެފައިސާ ދޭންވާނީ އަނބުރާ ދައްކަންޖެހޭ ގޮތަކަށް ނޫން ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ. ޣައްސާންވަނީ މިގޮތަށް ފައިސާ ދޭންޖެހޭ ސަބަބުވެސް ވަރަށް ތަފުޞީލުކޮށް ވިދާޅުވެފައެވެ. އެގޮތުން މިސާލަކަށް އެމަނިކުފާނު ފާހަގަކުރެއްވީ ކާރު ދުއްވާ ޓެކްސީ ޑުރައިވަރެކެވެ. ދުވަހުން ދުވަހަށް އާމްދަނީ ހޯދައިގެން ދިރިއުޅެން ޖެހިފައިވާ މީހަކަށް ކުރިއަށް އޮތް އަހަރު ދުވަސް ތެރޭގައި ލިބޭނެ އާމްދަނީއެއް ޔަޤީންނުވާއިރު އަމިއްލަ މަސައްކަތުން ދިރިއުޅޭ ފަރާތެއްގެ ހައިސިއްޔަތުން، އެފައިސާ އަލުން ދެއްކޭނެ ކަމުގެ ޔަޤީން ކަމެއް ނެތީވިއްޔާ ލޯނެއް ނަގާނީ ކިހިނެއްތޯ ޣައްސާން ސުވާލުކުރެއްވިއެވެ. މިއަދު ޖަލްސާގައި ވާހަކަދައްކަވަމުން ޣައްސާންވަނީ ފުރަތަމަ ސަފުގެ މަސައްކަތްތެރިން ކަމުގައިވާ ޑޮކްޓަރުންނާއި ނަރުހުންގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އޭގެ އިތުރަށް އެމަނިކުފާނުވަނީ މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ދިވެހިރާއްޖެއަށް ގެއްލުންވެދާނެ އަދި އިޤުތިޞާދަށް ދަތިވެދާނެ ފަދަ ކަމެއް ކުރުމަށް އިދިކޮޅުން ގޮވައިނުލާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ