ހުރިހާ ސިޔާސީ ޕާޓީއެއް އެކުގައި މަސައްކަތް ކުރުމަށް ރައީސް މައުމޫން ގޮވާލައްފައިފި

ރާައްޖޭގެ ހުރިހާ ސިޔާސި ޕާޓީތަކެއް ގުޅިގެން އެއް ބައެއްގެ ގޮތުގައި ގައުމާއި ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިންމުން ފާހަގަކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްއާރްއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ، ރާއްޖެއަކީ ދިމިގްރާތީ ނިޒާމަކަށް ކުރިޔަށްދާ ގައުމަކަށް ވާއިރު ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައިވެސް މި ހައްގު ކޮންމެ ދިވެހި ދަރިއަކަށްވެސް ލިބިދީފައިވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޑިމޮކްރަސީއެއްގައި ޕާޓީތައް ވާދަވެރިވާނެކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް ޚިޔާލުފާޅުކުރުމުގެ ނަމުގައި ސިޔާސީ ޕާޓީތަކުން މެދުކެނޑުމެއްނެތި އެއްބަޔަކު އަނެއްބަޔަކަށް ހޫނު ބަހުގެ ހަމަލާތައް ރައްދުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޕާޓީތަކުގެ މެދުގައި އޮންނަ ޚިޔާލުތަފާތުވުންތަކުގައި، ހުރިހާ ޕާޓީއަކަށްވެސް އެއްބަސްވެވޭ ކަންކަމުގެ މައްޗަށް "ކޮމަން ގްރައުންޑެއް" ހޯދިދާނެ ކަމަށެވެ. ޕާޓީތަކުގެ މެދުގައި އެންމެން ހިއްސާކުރާ ވަކި ސަރަހައްދެއް އޮތުމަކީ މުޅި ގައުމަށްވެސް އޭގެ ނުހަނު ގިނަ ކުރިއެރުންތައް ލިބިގެންދާނެ ކަމެއްގެ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
އަލަށް އުފެދިގެން މިއައި ސިޔާސީ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓާއި ގުޅޭގެން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އެމްއާރްއެމް އަކީ އަބަދުވެސް އިސްލާހަށް ލޯބިކުރާނެ ބައެއް ކަމަށެވެ.
އެގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެގެން ދިޔުމުގެ ކުރިން ފަށައިގެންވެސް އިސްލާހީ މަސައްކަތްތަކުގައި އެމްއާރްއެމްގެ ދައުރު ފާހަގަ ކުރައްވިއެވެ. ދީނީގޮތުން ބެލިކަމުގައިވީ ނަމަވެސް ހުރިހާ ނަބީބޭކަލުންވެސް ކުރައްވާފައިވާ މަސައްކަތަކީ އިސްލާހީ މަސައްކަތްތައްކަން ފާހަގަކުރައްވައި ރައީސް މައުމޫން ވިދާޅުވީ އެމްއާރްއެމްވެސް ދެމިއޮންނާނީ އެގޮތުގެ މަތީގައި ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އިސްލާހަކީ ކަންކަން ރަނގަޅު ކުރުމާއި ކޮންމެ ކަމެއްގައިވެސް ކުރިއަށް ފިޔަވަޅެއް އެޅުން ކަމަށެވެ. އެބައެއްގެ މަސައްކަތްތައް އިތުރު މަތީ ހަރުފަތަކަށް ގެންދިޔުން ކަމަށެވެ. އެމްއާރްއެމް ބޭނުންވަނީ ހުރިހާ ސިޔާސީ ޕާޓީތަކުގެ މަސައްކަތްވެސް އިތުރު މަތީ ހަރުފަތްތަކަކަށް ގެންދިޔުމަށް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އެމްއާރްއެމުން އިސްލާހަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޕާޓީން ދެކަމެއް ކުރަން ނިންމާފައިވާ ކަމަށް މައުމޫން ވިދާޅުވިއެވެ. އެއީ ޕާޓީގެ ހުރިހާ ކަމެއްގައިވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި، އެއާރްއެމްގެ ހުރިހާ ގުނަވަނެއްގައިވެސް 25 އިންސައްތައަށް ވުރެ މަދުނުވާ އަދަދަކަށް 29 އަހަރުން ދަށުގެ މީހުން ހިމެނުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ކޮންމެ ކަމެއްގައިވެސް އަންހެން ފިރިހެން ދެޖިންސުގެވެސް ބައިވެރިވުން ހަމަހަމައަށް ބޭނުންވާ ކަމަށެވެ. އަދި އެމްއާރްއެމުން ގަބޫލުކުރާ ޒުވާނުންގެ އުމުރުގެ މިންގަނދަކީ 18 އަހަރާއި 30 އަހަރާއި ދެމެދު ކަމަށާއި ޕާޓީގެ އަމާޒަކީ ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށާއި، އަބަދުވެސް ކަނަކަން ކުރިޔަށްދާނީ ޒުވާނުންގެ ހިތްވަރާއި މަސައްކަތުން ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްތްރީ ކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާއިރު ޕާޓީ ރަޖިސްޓަރީވާތާ 9 މަސް ދުވަހުގެ ތެރޭގައި ޕާޓީގެ ދާއިމީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަންޖެހޭ ކަމަށެވެ. އަދި އެމްއާރްއެމުން އެ މުއްދަތުގެ ތެރޭގައި މަސައްކަތްތައް ނިންމާނެ ކަމަށާއި ވަރަށް ހަރުދަނާ ލީޑަޝިޕެއް ގާއިމުވެގެންދާނެ ކަމަށެވެ.
އަދި ވިދާޅުވީ އެމްއާރްއެމް ވަކި ބޭފުޅެއްގެ ނަމުގައި ރަޖިސްޓްރީވެފައިވީ ނަމަވެސް އެޕާޓީއަކީ ޕާޓީ އުފެއްދުމުގަ، ޕާޓީގެ ހުރިހާ ކަންކަމެއްގައި އަދި ޕާޓީ މިހސާބަށް ގެނައުމުގެ އިތުރަށް ޕާޓީގެ ދެންވެސް ތިބި ހުރިހާ މެމްބަރުންގެ ޕާޓީއެއް ކަމަށެވެ.
އެމްއާރްއެމް އުފައްދައި ރަޖިސްޓްރީކޮށްފައިވާއިރު އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެންމެ ފުރަތަމަ އެދުނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ހަސަންގެ ނަންފުޅުގައެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ހުއްދަވެސް ދިނެވެ.
ނަމަވެސް ޕާޓީ އުފައްދަން ހުށަހަޅަންޖެހޭ 3000 މެންބަރުންގެ ސޮއި މުއްދަތުގެ ތެރޭ ހުށަހަޅާފައެއް ނުވެއެވެ. އަދި އޭގެފަހުން ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ ނަންފުޅުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި، މިހާރު އެމްއާރުއެމް އުފައްދާފައި ވަނީ އެކަމަނާގެ ނަންފުޅުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ