ވ. ފެލިދޫ އާއި އެ އަތޮޅު ކެޔޮދޫ ކައިރިން ދަތުރު ކުރަނިކޮށް ކުޑަ ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި އެ އުޅަނދު އެ ވަގުތު ދުއްވަން އިން އިންޑިއާގެ ބިލިއަނަރާއި އިތުރު ދެ މީހަކު ފުރައިގެން ދިޔައީ އިތުރު ފަރުވާއަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހަތް މީހުންނާ އެކު ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލީ، ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދުއްވަމުންދަނިކޮށެވެ. މި ހާދިސާގައި ކަނޑަށް ގެލުނު ދެ މީހުން އަދިވެސް ނުފެނެ އެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ، އެ ރޭ ދަންވަރު 1:15 އެހާކަންހާއިރު އެވެ. މި ހާދިސާގައި އަނިޔާވި ބިލިއަނަރަކީ އިންޑިއާގެ ރޭމަންޑް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ގޯތަމް ސިންގާނިޔާ އެވެ.
ތަފްސީލް - މައުލޫމާތު ލިބޭ ގޮތުގައި ލޯންޗު ދުއްވަން އިން ބިލިއަނަރާއި އެ ލޯންޗުގައި އެ ވަގުތު ތިބި މީހުން ތިބީ މަސްތުގެ ހާލަތުގަ އެވެ.
ބިލިއަނަރު ދުއްވި ލޯންޗަކީ:
އިންޑިއާގެ ރޭމަންޑް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ގޯތަމް ސިންގާނިޔާގެ ކުންފުނީގެ 'ޓީޓީ އަޝޭނާ' ނަމަކަށް ކިޔާ އަމިއްލަ ޔޮޓުގެ ލޯންޗެއް
އެއީ ސިނގިރެޓް ރޭސިން މަރުކާގެ ސްޕީޑް ލޯންޗެއް
ބިލިއަނަރު މި ވަގުތު ހުރީ މުމްބާއީގައި ކަމަށް އިންޑިއާގެ ނޫސްތަކުން އިއްޔެ ރިޕޯޓްކުރި އެވެ. އަަދި އިއްޔެއިން ފެށިގެން މުމްބާއީގެ ހޮސްޕިޓަލެއްގައި އޭނާ ފަރުވާ ހޯދަމުންދާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އޭނާ ފިލައިގެން ދިޔަ ކަމަށް ވެސް ތުހުމަތުކުރެވޭއިރު، މި މައްސަލައިގެ ތަފްސީލްތައް ދިނުމަށް ނޫސްވެރިން ސުވާލުކުރަން ފެށުމުން ފުލުހުން ބުނީ މިއަދު އޭނާއާއި އިނގިރޭސިވިލާތުގެ އަންހެނަކު އިއްޔެ ފުރައިގެން ދިޔައީ އިތުރު ފަރުވާ ހޯދުމަށް ކަމަށެވެ.
އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ އިތުރު މީހަކު މިއަދު އެ ގައުމަށް ފުރައިގެން ދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާގެ އަތެއް ވަނީ ބުރިވެފަ އެވެ.
އޭގެ އިތުރުން:
މި ހާދިސާ ހިނގި ވަގުތު ލޯންޗުގައި ހަތް މީހުން ތިބި؛ އެއީ ބިލިއަނަރާއި އިނގިރޭސިވިލާތުގެ އަންހެން މީހާގެ އިތުރުން ރަޝިޔާގެ އަންހެނަކާއި އިންޑިއާގެ ހަތަރު ފިރިހެނެއް
އޭގެ ތެރެއިން ރަޝިއާ އަންހެން މީހާއާއި އިންޑިއާގެ ހަތަރު މީހަކު ކަނޑަށް ވެއްޓުނު؛ އެއިން އިންޑިއާގެ ދެ މީހަކު ފިޔަވައި އެންމެން ފެނިފައިވާއިރު ކަނޑަށް ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
މި ހާދިސާގައި އަނިޔާވި ތިން މީހަކު އިންޑިއާއަށް ގޮސްފައިވާއިރު، ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް އިންޑިއާގެ ފިރިހެނަކު އަންނަނީ ފަރުވާ ހޯދަމުން
ބިލިއަނަރާއި އިތުރު ދެ މީހަކު ފުރައިގެން އިންޑިއާއަށް ދިޔައީ އިތުރު ފަރުވާއަށް: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ