ރިޕޯޓު ކުށްވެރިކުރަނީ ރާއްޖޭގައި އެހެން ދީންތަކަށް ޖާގަ ދޭން ބޭނުން ނުވާ މީހުން: ޖަމީލް

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު ކުށްވެރިކުރަނީ ރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ޖާގަ ދޭން ބޭނުން ނުވާ މީހުން ކަމަށާއި، އެ ޖަމިއްޔާ ދިފާއުކުރުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައްދުފަހަނަ އަޅާ ގޮސްފައިވާ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީއެން ރިޕޯޓުގައި ރަނގަޅު ވާހަކަތަކެއްވެސް އެބަހުރި ކަމަށް ވިދާޅުވެ މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
"މަޖިލިސް ރައީސް މި ވަނީ އެމްޑީއެން ދިފާއު ކުރުމުގައި ހައްދު ފަހަނަ އަޅާ ގޮސްފައި. އެ ރިޕޯޓާ ދެކޮޅަށް ވާހަކަ ދައްކަނީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް އޮންނަން ބޭނުން ނުވާ މީހުން. ދިވެހީންނަށް ލިބިފައިވާ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީން ކަމާ މެދު ޝައްކު ނުކުރައްވާ." ޑރ. ޖަމީލް ވިދާޅުވިއެެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި އެމްޑީއެން ރިޕޯޓާ މެދު ސަރުކާރުން އެންމެ އެދެވިގެންވާ ފިޔަވަޅު ނާޅާ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ މައްސަލަ ނުބަލައި ފިލުމަށް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކައަށް ރައްދުދެއްވަމުން ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި ވިސްނަން ޖެހޭ ކަންކަން އެބަ ހުރި ކަމަށެވެ. އެގޮތުން ދީނީ ގޮތުން ހައްދުފަހަނަ އަޅައިފައިވާ އަދި ސީރިއާ އަށް މީހުން ފޮނުވުމަށް މަސައްކަތް ކުރާ މީހުން ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުން އެރިޕޯޓާ ގުޅިގެން ނުރުހުން ފާޅު ކުރަމުން ދާކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މި ރިޕޯޓު ކުށްވެރިކޮށް ދެކެވޭ ވާހަކަތަކުގެ ސަަބަބުން މި ރިޕޯޓުގެ އަސްލު ގެއްލިގެން ދާކަމަށެވެ.
"އެ ރިޕޯޓުގައި އެބަވޭ އެހެން ވާހަކަތަކެއް އެއްގޮތަކަށްވެސް ފާހަގަ ނުކުރެވޭ. އެއީ ސީރިއާ އަށް މީހުން ފޮނުވަނީ ކޮން ބަޔަކު އެކަމުގެ ތެރޭގައި ވެގެންތޯ. ފާހަގަވެގެން މިދަނީ މިރިޕޯޓު މީ މިވެނި އެވެނި ރިޕޯޓެއް ކަމަށް ވިދާޅުވެ އެންމެ ހަރު އަޑުން ވާހަކަ ދައްކަވަނީ އެރިޕޯޓުގައި ސީރިއާ އަށް މީހުން ފޮނުވާކަމަށް ތުހުމަތު ކުރެވި އިނގިލި ދިއްވެފައިވާ މީހުން" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މި ރިޕޯޓު ބޭނުން ކުރަމުން ދަނީ ސަރުކާރާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ކަމަށާއި، އެ ރިޕޯޓު ނެރެފައިވެސް ވަނީ 2016 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އެހެން ކަމުން އެ މައްސަލައަކީ އޭރުން ފެށިގެން ފެންމަތިވާން ޖެހޭ މައްސަލައެއް ކަމަށާއި މިހާރު ރިޕޯޓުގެ ބޭނުންކޮށްގެން ސަރުކާރަށް ފާޑުކިޔަން ބަޔަކު މަސައްކަތް ކުރަމުން ދާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި އެމަނިކުފާނު ހުދު ރިޕޯޓު ވިދާޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ރިޕޯޓުން އިސްލާމް ދީނަށް ފުރައްސާރަކޮށް ދައްކާފައިވާ ވާހަކައެއް ފެނިފައިވާ ކަމަކަށް އެމަނިކުފާނު ވިދާޅުވެފެއެއް ނުވެއެވެ. ރައީސް ނަޝީދު މީގެ ކުރިންވެސް މަޖިލީހުގައި ވަނީ އެރިޕޯޓުގައި މައްސަލައެއް ނޫޅޭ ކަމަށާއި ހަމައެކަނި މައްސަލަ އަކީ ރަސޫލާގެ ނަންފުޅުގެ ފަހަތަށް ކިޔަން ޖެހޭ ސަލަވާތް ފާތިހާ ނުކިޔައި އޮތް ކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް ރިޕޯޓް ކުއްވެރިނުކޮށް ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން ނުރުހުން ފާޅުކުރަން ފެށުމުން އެމަނކުފާނު ވަނީ އެ ރިޕޯޓު ކުއްވެރިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ