ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ހޯދާ ފަސް މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވިލިމާލެ އުތުރު ހާބަރުގައި އޮތް “ރެބޫ -14″ ނަކަމަށް ކިޔާ ސަޕްލައި ދޯންޏެއް ބަލައި ފާސްކޮށް ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކެއް ހޯދައި އެމައްސަލައާއި ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވިލިމާލެ ޕޮލިސް އަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން އިއްޔެ ހަވީރު 17:35 ހާއިރު ފުލުހުން އެދޯންޏަށް އަރާ ބަލައި ފާސްކުރިކުރުމުން އެދޯނީގެ ކެބިން ތެރެއިންނާއި ވީލް ހައުސްތެރެއިން ޖުމްލަ 108 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
އެއިގެ ތެރޭގައި ހިމެނެނީ ސްމިރުނޮފް ބްރޭންޑުގެ އެއްލީޓަރުގެ 96 ފުޅިއާއި، ޖެމްސަން ބްރޭންޑުގެ 750 އެމް.އެލްގެ 12 ފުޅިއެއް ކަމަށާއި އެދޯނިން ފެނުނު ބައެއް ބަނގުރާފުޅިތައް އޮރިޖިނަލް ކޭސްގައި ބަންދުކޮށްފައިހުރި ބައެއް ފުޅިތައް ހުރީ ދަބަސްތަކުގައި ރައްކާކޮށްފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެވަގުތު އެދޯނީގައި ތިބި 5 މީހެކެވެ. މިއެންމެނަކީވެސް ދިވެހި ފިރިހެނުންނެވެ.
އެއިގެ ތެރޭގައި ހިމެނެނީ ޢުމުރުން 19 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި، 30 އަހަރުގެ މީހަކާއި 56 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ