ދައުލަތުން ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ ޤާނޫނާ ޚިލާފަށް - ވަކީލު

ދިއްގަރު ދާއިރާގެ މަޖިލީސް މެމްބަރު އަހްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއީ ހީލަތް ހެދުމުގެ ދައުވާގެ މައްސަލަތައް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށް އޭނާގެ ވަކީލު އަލްއުސްތާޒް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ނާޒިމްގެ މައްޗަަށް ތުހުމަތު ކުރެވޭ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކަކީ ކުށެއް ނޫންކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުންވެސް ވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓުގައި، ދައުލަތުން މި މައްސަލަ އިސްތިއުނާފު ކޮށްފައި ވަނީ، އިސްތިއުނާފު ކުރުމަށް އޮންނަ 90 ދުވަހުގެ މުހުލަތު ވެސް ހަމަވިފަހުންނެވެ.
ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީޢަތުގެ އަޑުއެހުމުގައި، ނާޒިމްގެ ވަަކީލް ހުސްނުއްސުޢޫދު ވިދާޅުވީ، ދައުލަތުން ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފު ކުރެވިފައި ވަނީ ގާނޫނު އަސާސީގެ 22 ވަނަ މާއްދާ އާއި 18 ވަނަ މާއްދާ އާއި 42 ވަނަ މާއްދާ އާއި 50 ވަނަ މާއްދާ އާއި 52 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
ސުއޫދު ވިދާޅުވީ ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ ހަތަރު މައްސަލައިގައިވެސް، ނާޒިމް ކުރީ ކުށެއް ނޫންކަމަށް ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ނިންމާފައިވާ އިރު، އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި، ސުއޫދު ވަނީ އެ ދެ ކޯޓުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައި ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މިއާ ގުޅިގެން، ދައުލަތުގެ ވަކީލާ ވިދާޅުވީ ނާޒިމްގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ އެކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުއްދަ ދިނުމުން ކަމަށާއި އެހެންވެ އެ މައްސަލަ އިސްތިއުނާފްކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ