ކަރަންޓު ނެތިގެން ހއ.ބާރަށު ފިހާރަތަކުގައި ހުރި މަހާއި ކުކުޅުތައް އުކާލަމުން އެބަ ދޭ!

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓުގެ ޚިދުމަތަށް ބުރޫ އަރާފައިވާ ހއ.ބާރަށުގެ ފިހާރަތަކުގައި، ވިއްކަން ގެނެސްފައިވާ މަހާއި ކުކުޅު ފަދަ، ފިނި ކޮށްފައި ބަހައްޓަންޖެހޭ ތަކެތި، ފިހާރަތަކުން އުކާލަމުން އެބަ ދެއެވެ.
"ވަގުތަށް" މަޢުލޫމާތު ދެއްވަމުން، ހއ.ބާރަށު ކައުންސިލްގެ ރައީށް މުހައްމަދު އަބްދުލްހަކީމް ވިދާޅުވީ، ކަރަންޓުގެ ޚިދުމަތަށް ބުރޫއަރަމުން އަންނަތާ މިހާރު މިއީ ތިންވަނަ ދުވަސް ކަމަށެވެ. އަދި މިވަގުތު ވެސް ރަށުގެ އެއްވެސް ހިސާބެއްގައި ކަރަންޓުގެ ޚިދުމަތް ނެތް ކަމަށް މުހައްމަދު އަބްދުލްހަކީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ކަރަންޓު ނެތުމުގެ ސަބަބުން، އެރަށުގެ ފިހާރަތަކުގައި އައިސް ކޮށްފައި ވިއްކަން ބަހައްޓާފައި ހުރި މަހާއި ކުކުޅު ފަދަ ތަކެތި، ފިހާރަތަކުން އުކާލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ފިހާރަތަކުގައި ހުރި މަހާއި ކުކުޅުތައް ވެސް، ގަނޑު ފިލުމުގެ ސަބަބުން ނުބައި ވަމުން ދާތީ އުކާލަމުން ދަނީ ފިހާރަތަކުންވެސް،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އަދި، ކަރަންޓު ކެނޑުމުގެ ސަބަބުން މިއަދު، ބާރަށު ސްކޫލާއި ޕްރީސްކޫލްގެ ކިޔެވުން ވެސް، ކަރަންޓުގެ ޚިދުމަތް އަލުން ލިބުނީމާ ފެށުމަށްޓަކައި ހުއްޓާލާފައިވާ ކަމަށް ބާރަށު ކައުންސިލްގެ ރައީސް މުހައްމަދު އަބްދުލްހަކީމް ވިދާޅުވިއެވެ.
"މިހާރު ރަށުގެ އެއްވެސް ސަރަހައްދެއްގައި ކަރަންޓެއް ނެތް. ރައްޔިތުންގެ ގިނަ ބަޔަކު މިހާރުވެސް ކައުންސިލްގެ އިދާރާ ކައިރިއަށް ޖަމާވެފައި ވަނީ،" އޭނާ ވިދާޅުވިއެވެ.
ބާރަށު ކައުންސިލްގެ ރައީސް މައޫލޫމާތު ދެއްވި ގޮތުގައި، ފެނަކަ ކޯޕަރޭޝަނުން ބާރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް އަލުން އިޔާދަ ކުރުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ދާ ކަމަށެވެ. ނަމަވެސް މި މައްސަލަ މުޅިން ހައްލުވާނެ ތާރީޚެއް ބުނެފައި ނުވާ ކަމާށް ބާރަސު ކައުންިސލްގެ ރައީސް މުހައްމަދު އަބްދުލްހަކީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ