ދާއިރާގެ އެންމެން ގުޅިގެން ދަތިތަކުން އަރައިގަނެވޭނެ: އެމްޔޫމަނިކު
ދުނިޔޭގެ އިގްތިސޯދަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ދާއިރާގެ ހުރިހާ އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށާއި އެގޮތަށް މަސައްކަތް ކޮށްފިނަމަ ދަތިތަކުން އަރައިގަނެވޭނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެއެވެ. މިއަދު ކުރުނބާ މޯލްޑިވްސް ގައި ކުރިއަށްދާ މަޓީގެ 30 ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޔޫމަނިކު ވިދާޅުވީ ފާއިތުވި 2019 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ މުހިއްމު އަހަރެއް ކަމަށާއި ފަތުރުވެރިކަމުގެ ޓާގެޓު ކަމުގައި ކަނޑައެޅި 1.5 މިލިއަން ޓޫރިސްޓުންގެ ޓާގެޓު ފަހަނައަޅައި 1.7 މިލިއަން ފަތުރުވެރިން މިދިޔަ އަހަރު ރާއްޖެ އައިސްފައިވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައިވެސް ފަތުރުވެރިކަމަށް ބޮޑެތި ކުރިއެރުންތައް އަންނާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕަސެންޖާ ޓާމިނަލް އާއި އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް އެބަދޭ. އެއާޕޯޓު ތަރައްގީގެ މި މަޝްރޫއު ނިމުމާއެކު ފަތުރުވެރިންނަށް ހިދުމަތްދެވޭ މިންވަރު އިތުރުވެގެންދާނެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ،" އެމްޔޫ މަނިކު ވިދާޅުވިއެވެ. ފަތުރުވެރިކަމުން ލިބުނު އާމްދަނީ މިދިޔަ އަހަރު އިތުރުވެފައިވާކަން ފާހަގަކުރައްވާ އެމްޔޫ މަނިކު ވިދާޅުވީ ދުނިޔޭގެ އިގްތިސޯދަށް އަންނަ ބައެއް ލޮޅުންތަކުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ތޯމަސް ކުކް ބަގުރޫޓުވިކަން އިއުލާނުކުރި ހިސާބުން އޭގެ އަސަރު ފެންނަން ފެށި ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު ހިއްސާއެއް އަދާކުރި ކުންފުނި ބަނގުރޫޓުވުމުގެ އަސަރު ކުޑަކުރުމަށް ޑެސްޓިނޭޝަން މާކެޓިންގެ ހަރަކާތްތައް އިތުރުކުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ. މި ހަރަކާތްތަކުގެ އެދެވޭ އަސަރު ފަތުރުވެރިކަމަށް ކުރި ކަންވެސް އެމްޔޫމަނިކު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ކޯވިޑް-19 ފެތުރެން ފެށުމާއެކު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަނެއްކާވެސް ދަށްވަމުންދާ ކަމަށާއި ނަމަވެސް މިފަދަ ގޮންޖެހުންތަކުން އަރައިގަނެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތް އެމްޔޫމަނިކު ފާހަގަ ކުރެއްވިއެވެ. އެމްޔޫމަނިކު ވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ގާނޫނާއި ގަވައިދުތައް އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވެސް ފާހަގަ ކުރައްވައިފައެވެ. އެ މަސައްކަތްތަކާއި، ފަތުރުވެރިކަމުގެ އާ މާސްޓާޕްލޭން އެކުލަވައިކުމަށް ކުރާ މަސައްކަތުގައި މަޓީގެ އެއްބާރުލުން އަބަދުވެސް ދެއްވާނެކަމުގެ ޔަގީންކަން އެމްޔޫމަނިކު އެރުވިއެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖޭގެ ތިމާވެއްޓަށް ކުރަމުންދާ ކަމަށާއި، ދުނިޔެ ހޫނުވުމާއި ވައި ނުސާފުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ގްރީން ޓެކްސް އިން ލިބޭ ފައިސާ އެދެވޭގޮތެއްގައި ބޭނުންކުރުމަށް އޭނާ އެދިލެއްވިއެވެ. "މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ވެއްޓަށް ކުރާ އަސަރުތަކާ ގުޅޭގޮތުން މިހާރަށްވުރެ ބޮޑަށް ވާހަކަ ދެއްކުމަށް އަޅުގަނޑުމެންގެ ލީޑަރުންގެ އަރިހުން އެދެން. ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށާއި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ނުކުރާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައިވެސް ދާއިރާ އާއި މަޓީގެ އެއްބާރުލުން ލިބޭނެ،" އެމްޔޫ މަނިކު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ