ރާއްޖޭން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ހިފަހައްޓައި، ތިން މީހަކު އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ.
ކަސްޓަމްސް އިން ބުނީ، އެ އިދާރާއަށް ޑިކްލެއާ ނުކޮށް ހަތަރު މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާގެ އެ ފައިސާތައް ބޭރު ކުރަން އުޅެނިކޮށް އަތުލައިގަތީ ދެ ދުވަހެއްގައި ކަމަށެވެ. އަދި އެ މައްސަލައިގައި ދެ ދިވެހިންނާއި ބިދޭސީއަކު ވަނީ އަތުލައިގެންފައެވެ.
ކަސްޓަމްސް އިން ބުނީ، މިދިޔަ މަހުގެ 22 ވަނަ ދުވަހު 1.3 މިލިއަން ދިވެހި ރުފިޔާގެ ބޭރު ފައިސާއާއެކު 31 އަހަރުގެ ދިވެހި ފިރިހެނަކު އަތުލައިގެންފައިވާ ކަމަށެވެ.
އޭގެ އިތުރުން މިދިޔަ ބުދަ ދުވަހު 2.1 މިލިއަން ދިވެހި ރުފިޔާގެ ބޭރު ހިފަހައްޓައި 29 އަހަރުގެ ދިވެހި ފިރިހެނަކު އަތުލައިގެންއިރު، ހަމައެދުވަހު ހަ ލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާގެ ބޭރު ފައިސާއާއެކު ކަސްޓަމްސް އިން ވަނީ 33 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކު އަތުލައިގެންފައެވެ.
ކަސްޓަމްސް އިން މިހާރު ވަނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފައެވެ.
މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން 20،000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެއަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ކަސްޓަމްސް އަށް ޑިކްލެއާ ކުރަންޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ