ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސިއްހީ ހާލު ކޮޅު ހުރި ގޮތުން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެން ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ވަޑައިގެން އެތަނުގެ އޮފިސަރުންނާ ބައްދަލުކުރައްވައިފި އެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލުކުރުމަށް މެޑިކަލް ބޯޑުން ނިންމާފައިވާ ކަމަށް އިއްޔެ ވަނިީ އަޑުފެތުރިފަ އެވެ. އެހެންނަމަވެސް އެކަން ރަސްމީކޮށް ރައީސް މައުމޫންގެ ގާނޫނީ ޓީމަށް އަންގާފައި ނުވާ ކަމަށް ރައީސް މައުމޫންގެ ގާނޫނީ ޓީމުން ބުނެ އެވެ.
ކަރެކްޝަންސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަސްރީނާ ވިދާޅުވީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ކަރެކްޝަންސްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާ މައުލޫމާތު ސާފުކުރެއްވި ކަަމަށެވެ. އެހެން ނަމަވެސް ރައީސް މައުމޫން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ސީދާ ވަކި ޖަވާބެއް ކަރެކްޝަންސްގެ އޮފިސަރުން ނުދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ ރައީސް މައުމޫނަކީ ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ ނުވަތަ އަނބުރާ ގޮތްވުމުގެ ބަލި ތަހައްމަލް ކުރަންޖެހިފައިވާ ބޭފުޅަކަށް ވާތީ އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް މިއަދުވެސް ތަކުރާރުކޮށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
މެޑިކަލް ބޯޑުން ރައީސް މައުމޫން ގެއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް މީޑިއާއިން ހަބަރު ލިބުނު ކަމަށާ އެހެންނަމަވެސް އެކަމަށް އެދެވޭ ޖަވާބެއް ކަރެކްޝަންސްގެ އޮފިސަރުން ނުދެއްވާ ކަމަށްވެސް ޔުމްނާ ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިންނަވާ މުހައްމަދު ފައިސަލް ވިދާޅުވީ ބަންދުގައި ތިބޭ މީހުންގެ ސިއްހީ ހާލު ވަޒަން ކުރުމަށްފަހު ޑޮކްޓަރުން ދޭ ލަފަޔާއި އެއްގޮތަށް އަމަލުކުރުމަކީ އަބަދުވެސް ކަރެކްޝަންސް އިން އަމަލުކުރަމުން އަންނަ ގޮތް ކަމަށެވެ.
ރައީސް މައުމޫން ބެއްލެވި ހަތް ޑޮކްޓަރުންވެސް ވިދާޅުވެފައިވަނީ ރައީސް މައުމޫން ގިނިކަންޏާ ހުންނެވުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށާ އެގޮތަށް ހުންނަވަން ޖެހިވަޑައިގެންފިނަމަ ރައީސް މައުމޫންގެ ފުރާނަފުޅަށް ގެއްލުމެއް ލިބިދާނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ. އަދި އާއިލާގެ އެހީތެރިކަން ލިބޭނެ ތަނަކަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
އުމުރުފުޅުން 82 އަހަރުގައި ރައީސް މައުމޫން ހައްޔަރު ކުރީ މިއަހަރުގެ ފެބުރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތުގަ އެވެ. ރައީސް މައުމޫން ހައްޔަރުކުރުމަށްފަހު ދައުލަތުން ވަނީ އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފަ އެވެ.
މައުމޫން ގެއަށް ބަދަލުކުރުން ލަސްވާ ސަަބަބު ހޯދަން ނަސްރީނާ ކަރެކްޝަނަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ