ރައީސް ކަމަށް ކުރިމަތިލާ އުމުރު ކުރިން އޮތް ގޮތަށް ކަނޑައަޅަން އިސްލާހު ހުށަހަޅައިފި

އުމުރުން 65 އަހަރު ފުރިފައިވާ މީހަކަށް ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ކުރިން އޮތްގޮތަށް އަނބުރާ އިއާދަ ކުރުމަށް ޕީޕީއެމްގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހިމް ފަލާހު ހުށަހަޅުއްވައިފި އެވެ.
މިއިސްލާހު މަޖިލީހަށް މިއަދު ހުށަހެޅުއްވި ކަމަށް ފަލާހު ހާމަކުރެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިއިސްލާހުގެ އިތުރުން ޕެންޝަން ގާނޫނަށްވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ފަލާހް މިއަދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިއިސްލާހުގެ ތަފްސީލް އޭނާ ހިއްސާކުރައްވާފައެއް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ. މިއީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ފާސްކުރެވުނު ފުރަތަމަ އިސްލާހެވެ.
މިއިސްލާހު މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ގާނޫނު އަސާސީއަށް ހުށަހަޅާ އިސްލާހެއް ފާސްކުރުމަށް ބޭނުންވަނީ 64 މެންބަރުންގެ ވޯޓެވެ.
ގާނޫނު އަސާސީގެ 109 މާއްދާގެ (ނ)އަށް ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އިސްލާހު ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ) ގައި ކުރިން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކުރާ މީހަކީ އުމުރުން 35 އަހަރުވެފައިވާ މީހަކަށް ވާން ޖެހޭނެ ކަަމަށެވެ. ނަމަވެސް އެ މަގާމު ފުރޭނެ އެންމެ ދޮށީ އުމުރެއް ގާނޫނު އަސާސީގައި އޭރު ކަނޑައަޅާފައެއް ނުވެ އެވެ. ގާނޫނު އަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައިވާ އުމުރު ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ވެސް ހުންނަންޖެހެ އެވެ.
މިއިސްލާހު ގާނޫނުއަސާސީއަށް ގެނައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށް ކަމަށް ސިޔާސީ ބޭފުޅުން އޭރު ގެންދެވީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ