ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދުން އެއް މިލިއަން ރުފިޔާ ހޯދަން ރާއްޖެޓީވީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ރާއްޖެޓީވީގެ ގާނޫނީ ވަކީލް ނިޝާން އިބްރާހިމް ވިދާޅުވީ އަދުރޭގެ އަތުން ބަދަލު ހޯދަން ސިވިލް ކޯޓުގައި ދައުވާކުރީ، މާޗު މަހުގެ ތެރޭގައި ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ ޓީވީ އާއި އެ ތަނުގެ ނޫސްވެރިންނާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ ސަބަބުން އެތަނުގެ އަގު ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ކަމަށެވެ.
އެގޮތުން އެކެއް ފެބްރުއަރީއާ ގުޅިގެން ނެރުނު ކުއްލި ނުރައްކަލުގެ ހާލަތުގައި މިދިޔަ މާޗް މަހުގެ ތެރޭގައި އަދުރޭ ސިލްސިލާ ގޮތުން ބާއްވަމުން ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ އަމަންއަމާންކަން ނަގާލައި ރާއްޖެ ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލަން ރާއްޖެޓީވީއިން މަސައްކަތް ކުރާ ކަމަށް ބުނެ އެ ސްޓޭޝަން ބަންދުކުރުމަށް ވެސް އަދުރޭ ގޮވާލިއެވެ.
އަދި އޭގެ ފަހުން ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން ރާއްޖެޓީވީއަށް އިންޒާރުތައް ލިބެމުންދިޔައިރު ފުލުހުން ވެސް ރާއްޖެޓީވީއަށް އިންޒާރުދީފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގައި ފުލުހުންގެ ޔުނީފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރުދީ ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯ އަކީ ވެސް ރާއްޖެ ޓީވީން ހެދި އެއްޗެއް ކަމަށް ދައްކަން އަދުރޭ ވާހަކަދެއްކެވިކަން ފާހަގަކުރައްވާ ނިޝާން ވިދާޅުވީ، އެ ނޫސްވެރިންގެ ބައްދަލުވުން ނިމުނުތަނާހެން، އެޓީވީ ސްޓޭޝަންގައި މަަސައްކަތްކުރި ނޫސްވެރިޔާ މުހައްމަދު ވިސާމާއި އާމިރް ސަލީމް ހަައްޔަރުކުރެވިގެން ދިޔަ ކަމަށެވެ.
އަދި ވިސާމާއި އާމިރު ސަލީމާ ގުޅޭ ގޮތުން އަދުރޭ ދެއްކެވި ވާހަކަތަކުގެ ސަބަބުން އެ ދެ ނޫސްވެރިންގެ އަބުރަށް ވެސް އަރައިގެންފައިވާތީ، އޭގެ ބަދަލު ނަގައިދިނުމަށް ވެސް މިއަދު ހުށަހެޅި މައްސަލާގައި އެދިފައިވާނެ ކަމަށް ނިޝާން ވިދާޅުވެފައިވެއެވެ.
ފުލުހުންގެ ވީޑިއޯގެ މައްސަލާގައި ވިސާމާއި ސަލާމީރު ހައްޔަރުކުރި ނަމަވެސް ހެކި ނެތުމުގެ ސަބަބުން އެ މައްސަލަ މިހާރު ވަނީ ފައިލްކޮށްފައެވެ.
ރާއްޖެޓީވީއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އަދުރޭއާ ދެކޮޅަށް އެ ސްޓޭޝަނުން ދައުވާކޮށްފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް އަރައިގެން ކަމަށް ބުނެ މީގެ ކުރިން ރާއްޖެޓީވީ ވަނީ އެކި ފަހަރު މަތިން ބޮޑެތި ޖޫރިމަނާތަކެއް ކޮށްފައެވެ. އެހެންނަމަވެސް އެ ޖޫރިމަނާތައް ރާއްޖެޓީވީ އިން ދައްކާ ގެންދަނީ ހިދުމަތް ދެމުންނެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި އަދުރޭ އަތުން 1 މިލިއަން ރުފިޔާ ހޯދަން ރާއްޖެޓީވީ ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ