ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ވަރުގަދަ ލީޑަރަކަށް އޭނާގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަމުން އަންނަތަން ފެންނަމުންދާ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ މި ސަރުކާރުގެ އެންމެ ވަރުގަދަ އެއް ވަޒީރަކީ ޓްރާންސްޕޯޓު މިިނިސްޓަރު ނަހުލާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ސަރުކާރުގެ ތެރެއިން ހަވާލުކުރައްވާފައިވާ ކަންކަން ކުރެއްވުމަށް މިނިސްޓަރު ނަހުލާ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އެކަމަނާގެ ފިރިކަލުން ގާސިމް އިބްރާހިމް ކަހަލަ ވަރުގަދަ ލީޑަރަކަށް ހަމަ ނަހުލާ ވެވަޑައިގަންނަވާތަނޭ މި ފެންނަނީ. ކުރީގެ ސަރުކާރުތަކުގައި މަސައްކަތް ކުރައްވާފައި ތިއްބެވި ވަޒީރުންނަށް އެކަމަނާ ކައިރީ ހިފަހައްޓާ ނުލެވިގެން އެ އުޅެނީ. މި ސަރުކާރުގެ އެންމެ ވަރުގަދަ ވަޒީރަކަށް އަޅުގަނޑު ގަބޫލުކުރަނީ ޓްރާންސްޕޯޓު މިނިސްޓަރު" އަދުރޭ ވިދާޅުވިއެވެ.
މީގެއިތުރުން އަދުރޭ ވިދާޅުވީ ސަރުކާރަށާއި އަދި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ނުކިޔާ މަޑުކޮށްލައިގެން ތިބީ ސަރުކާރަށް ވަގުތުދޭންޖެހޭ ކަމަށް ގަބޫލުކުރެވޭތީ އަދި ސަރުކާރުން ކުރާ ކަންކަން ފާހަގަކުރުމުގެ ބޭނުމުގައި ކަމަށެވެ. މިހާރު އެ ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން ތަރައްގީގެ މާބޮޑު ކަމެއް މި ސަރުކާރަށް ނުކުރެވޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ތަރައްގީއޭ ބުނީމަ އެއީ މެގަ ޕްރޮޖެކްޓު. ބްރިޖު ކަހަލަ ހުޅުމާލެ ކަހަލަ އެއާޕޯޓު ކަހަލަ ރަށްރަށުގެ ބަނދަރު ހެދުން، ބިން ހިއްކުން، ފެނުގެ ނިޒާމު، ނަރުދަމާގެ ނިޒާމު ގާއިމުކުރުން، މިކަހަލަ އެތަށް މަޝްރޫއުތަކެއް ރައްޔިތުންނަށް ތަރައްގީ ސިފަވެގެން އަންނަނީ. އެކަމަކު މިއަދު މިއައި ސަރުކާރުން ތަރައްގީއޭ ބުނީމަ ސިފަވަނީ އެއީ ތަންތަނުގެ ނަން ބަދަލު ކުރުމޭ" އަދުރޭ ވިދާޅުވިއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީން ގިނަ ދާއިރާތަކަކަށް ވާދަކުރާނެކަން ފާހަގަކުރައްވަމުން އަދުރޭ ވަނީ މި ސަރުކާރު ޒިންމާދާކުރުވާ ޖަވާބުދާރީ ކުރެވޭނީ ޕީއެންސީ އަށް މެޖޯރިޓީ ދީގެން ކަމަށްވެސް ވިދާޅުވެފައެވެ.
ގާސިމް ފަދަ ލީޑަރަކަށް ނަހުލާ ވަމުން އަންނަތަން އެބަފެނޭ: އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ