ފީވަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެއްޖެ

ށ. ފީވަކުން އިރުކޮޅު ކޮޅާއި ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެއްޖެ އެވެ.
ސީއެންއެމްއާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލުގެ މެމްބަރަކު ބުނީ، ކަރަންޓުގެ މައްސަލަ ދިމާވާން ފަށާފައިވަނީ މިމަހުކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ދެތިން ފަހަރު ކަރަންޓު ކެނޑޭކަމަށް އޭނާ ބުނެއެވެ.
ފެނަކައިން ހިންގަމުން އަންނަ އެރަށު އިންޖީނުގެ އިން ކަރަންޓު ކެނޑެނީ އިންޖީނުގެ ކެޕޭސިޓީ ކުޑަވުމުގެ ސަބަބުން ކަރަންޓު ނުހިފަހައްޓާތީ ކަމަށް މެމްބަރު ބުނެއެވެ.
"ތިން ޖަނަރޭޓަރު ހުރީ މިރަށުގަ. އޭގެ ތެރެއިން މަސައްކަތް ކުރަނީ 140 ކިލޯވޮޓުގެ ޖަނަރޭޓަރު އެކަނި." ފީވަކު ކައުންސިލު މެމްބަރު ބުނެއެވެ.
މީގެއިތުރުން މެމްބަރު ބުނީ، ކަރަންޓުގެ މައްސަލަ މީގެ އަހަރުތަކެއް ކުރިން ބޮޑުވެ އެރަށަށް ޕެނަލް ބޯޑެއް ގެނައި ކަމަށަވެ. އެކަމަކު މިހާތަނަށް އެ ޕެނަލް ބޯޑު އިންސްޓޯލު ކޮށްފައި ނުވާކަމަށް ވެސް އޭނާ ބުނެއެވެ.
"އެ އެބަހުރި މިތަނަށް ގެނެސްފަ ހުރި ގޮތަށް. މިތާކު އެގުޅަން އެނގޭ މީހެއް ވެސް ހުރީކީ ނޫން. އެނގޭ މީހާ ވެސް މިދިޔަ ސަރުކާރުގަ ވަޒީފާއިން ވަކިކޮށްފަވީ." މެމްބަރު ބުންޏެވެ.
މެމްބަރު ބުނީ، މިދުވަސްވަރަކީ ރަށުގައި ގިނަ ކުދިންތަކެއް ހިތާނަށް ކުރަން ނިންމާފައިވާ ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން، އިރުކޮޅުކޮޅާއި ކަރަންޓު ކެނޑޭނަމަ، ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.
"މިގޮތަށް ކަރަންޓު ކެނޑެނަމަ ފިހާރަތަކަށް ވެސް ބޮޑެތި ގެއްލުމެއް ވާނެ. ފްރިޖުތަކަށް ލާފަ ހުންނަ އެއްޗެހި ކުނިވެސް ވާނެ." މެމްބަރު ބުންޏެވެ.
އާބާދީގައި 1200 މީހުން ދިރިއުޅޭ ފީވަކު ކައުންސިލު މެމްބަރު ބުނީ، މިރޭ ވެސް އެރަށަށް ކަރަންޓު ލިބޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ