މައުމޫނާއި ގާސިމް ރައީސް ޔާމީނަށް: ނަތީޖާ ގަބޫލުކުރައްވާ ވަޑައިގަންނަވާ

ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ގޮތް ބޮލާލާ ޖެހުމުގެ ބަދަލުގައި އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރަށް ވަޑައިގަތުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫނާއި ގާސިމް އިބްރާހީމް މިކަމަށް ގޮވާލެއްވީ މި ދެ ބޭފުޅުން މިއަދު ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ގޮތް ވަރަށް ސާފު ކަމަށާއި އެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް ނިންމާނެ ދައުލަތުގެ މުއައްސަސާއެއް ހުންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާބުގައި ކުރިމަތިވީ ވަރަށް ބޮޑު ނާކާމިޔާބީއެއް ކަމަށާއި އެ ނަތީޖާ ގަބޫލުފުޅު ކުރެއްވުން ނޫން ގޮތެއް އެމަނިކުފާނަށް ނޯންނާނެ ކަމަށެވެ. ރައީސް ޔާމީނާ ދެކޮޅަށް ރައްޔިތުން ވޯޓް ދިނީ ކޮރަޕްޝަނާއި ފަސާދައާއި އަނިޔާވެރިކަން ރައްޔިތުން ގަބޫލުނުކުރާތީ ކަމަށްވެސް ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
"ކޮންމެ ކޯޓަކަށް ވަޑައިގަތަސް، އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ނިންމުމާ ދެކޮޅަކަށް އެއްވެސް ހުކުމެއް ނާންނާނެ. އަޅުގަނޑަށް ޔަގީން. އެ ކިހިނެއްތޯ އެކަން ކުރާނީ؟ އަޅުގަނޑަކަށް ނޭނގޭ އެކަން ކުރާނެ ގޮތެއް. މީގައި ދެން އޮންނާނީ މަސްލަހަތު. ދެން އެއާ ދެކޮޅަށް ކަމެއް ކޮށްފިއްޔާ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ބަނޑަށް ޖެހުން އޮތީ. ދުނިޔޭގެ ބައިނަލްއަގްވާމީ ގައުމުތަކުން ވަގުތުން ފިޔަވަޅު އަޅާނެ. ފިޔަވަޅު އަޅަނީ ކޮން ގޮތަކަށްތޯ؟ ދަތިކުރުމުގެ ފިޔަވަޅު. އެހެންވީމާ އެއީތޯ ބޭނުންވާ ގޮތަކީ؟ ކޮން މުއައްސަސާއަކުންތޯ އެއަށް ތަރުހީބު ދެނީ؟ ހަމަ އެންމެ މީހަކު ވެރިކަމުގައި ބެހެއްްޓުމަށްޓަކައި. އެހެންވީމާ އެއީ ގަބޫލުކުރެވޭ ކަމެއް ނޫން ދެއްތޯ. އަދި ހަމަ ބަޔަކު އެއްޗެއް ރާވައިގެން ގެންގޮސް މީހަކު އަދި އެތަނަށް [ކޯޓަށް] ހުށަހެޅިޔަސް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ވެސް ބައްލަވާނެ ދެއްތޯ،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އިންތިހާބުގެ ހުރިހާ ކަމެއްވެސް ކުރިއަށް ދިޔައީ ގާނޫނުތަކާއި އެއްގޮތަށް އެންމެންގެ ކުރިމަތީގައި ހަމައާއި އިންސާފުން ކަމަށެވެ. އިންތިހާބު ކުރިއަށް ދިޔައީ ރަނގަޅަށް ކަމަށްވާތީ އެކަމާ ދެކޮޅަށް ނިންމަންޖެހޭ ނިންމުމެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރެއްވުމަށް ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނަށް އިލްތިމާސްވެސް ކުރައްވާފަ އެވެ.
"ދެން ބޭބެއެއްގެ ހައިސިއްޔަތުން ކޮއްކޮއަކަށް އެއްޗެއް ދަންނަވާ ހައިސިއްޔަތަކުން ނެއްވެސް ނޫން މިދަންނަވަނީ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވާ ވާހަކައެއް މިއީ. ރައީސުލްޖުމްހޫރިއްޔާ ވެސް ގާނޫނީ ހަމަތަކުގެ މަތިން ކުރެވޭ ކަންތައްތައް ގަބޫލުކުރައްވާށޭ. ރައްޔިތުންގެ ބަސް ގަބޫލުކުރައްވާށޭ. ރައްޔިތުންގެ ބަހަށް އިހްތިރާމު ކުރައްވާށޭ. ޝަރަފުވެރިކަމާ އިއްޒަތާ އެކީގައި ދެން މިކަން މިހެންކަންވީ ގަބޫލުކުރައްވާ ހިނިތުންވުމާއެކު ވަޑައިގަންނަވާށޭ،" އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރެއްވުމަށް ރައީސް ޔާމީނަށް އިލްތިމާސް ކުރައްވަމުން ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ އަލަށް އެކުލަވާލާ ސަރުކާރަކީ ވަކި މީހެއްގެ ސަރުކާރެއް ނޫން ކަމަށާއި އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެެވެ. އާ ސަރުކާރަކީ އެއްވެސް މީހަކު ތަފާތުކޮށް އެއްވެސް މީހަކަށް ނުހައްގުން އަނިޔާއެއް ދޭނެ ސަރުކާރަކަށް ނުވާނެ ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާ ވިދާޅުވުމަށްފަހު ރައީސް ޔާމީން މިހާރު ގެންދަވަނީ އިންތިހާބުގެ ނަތީޖާއާ މެދު ޝައްކު އުފައްދަވަމުންނެވެ. އަދި ރިޔާސީ އިންތިހާބުގެ އޮޅުވާލުންތަކެއް ހުރި ކަމަށް މިހާރު ގަބޫލުފުޅު ކުރައްވާ ކަމެއް ވިދާޅުވެ ރައީސް ޔާމީން ވަނީ ހައްގު ހޯދުމަށް އިހްތިޖާޖުކުރުމަށް އެމަނިކުފާނުގެ ސަޕޯޓަރުންނަށް ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ