ގާސިމް ރައީސް ޔާމީނާއެކު ކޯލީޝަން ނަހައްދަވާނެ: ރައިސް

ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ ޖުމްހުރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރަހީމް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު ކޯލިޝަން ނަހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބަށް ރައީސް ޔާމީން އިސްތިސްނާ ނުވާނެހެން ހުރިހާ ޕާޓީ ތަކާއެކު ވެސް މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ސަރުކާރު ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނޭ ގާސިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން އާ ގާސިމް ކޯލިޝަން ހަދަން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރުިފައެވެ. މިއަދު ރައީސް އޮފީހުގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، ގާސިމް ހުންނަވާނީ ސަރުކާރު ކޯލިޝަނާއެކު ކަމަށާއި ގާސިމް ރައީސް ޔާމިނާއެކު ކޯލިޝަން ހައްދަވާނެ ތަނެއް ނުފެންނަވާ ކަމަށެވެ. "ގާސިމް ހުންނަވާނީ، ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި. އެއީ ޝައްކެއް އޮތް ކަމެއް ނޫން އިރާދަކުރެއްވިޔާ. ރައީސް ޔާމީންއާއެކު ކޯލިޝަން ހައްދަވާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ނުވެސް ހައްދަވާނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ، ގާސިމް ހުންނަވާނީ ސަރުކާރު ކޯލިޝަނާއެކު ކަމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުންގެ މެދުގައި މިހާތަނަށް މިޖަލިސް އިންތިހާބަށް ދާއިރާތައް ބަހާނެ ގޮތަކާ މެދު ވަނީ ގޮތެއް ނުނިންމިފައެވެ. ރައީސް ވިދާޅުވީ، ޕާޓީތަކުން މަޖިލިސް ގޮނޑިތައް ނެގުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މަޖިލިސް އިންތިހާބުގައި ކޯލިޝަންގެ މެދުގައި ގޮތެއް ނިމިފައި ނެތުމުން އެއީ އެކަން ހިނގާނެ ގޮތް ކަމަށެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ގައުމީ މަޖިލީހުން ވަނީ މަޖިލިސް އިންތިހާބަށް އެ ޕާޓީ ފަރާތުން މަޖިލިސްގެ ހުރިހާ ދާއިރާތަކަށް ވެސް ކުރިމަތިލުމަށް ނިންމާފައެވެ. އެއާއެކު ގާސިމް ދަނީ، އެމްޑީޕީއަށާއި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ