މަހަށް ހަމަ އަގު ހޯދަން ގާނޫނީ އޮނިގަނޑެއް އެކުލަވާލަން ޖެހޭ: ނަޝީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށްވާ، ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމަށްޓަކައި އެ ކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާއަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ޕްރައިމަރީއަށް ވާދަކުރައްވާ ދިޔާނާ ސައީދުގެ ކެމްޕޭން ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމާ ހަވާލުވުމުގެ ކުރިން މަސް ގަތުމުގެ ހުއްދަ ދީފައި އޮތީ ހަމައެކަނި އެސްޓީއޯއަށެވެ. އެމްޑީޕީ ވެރިކަމަށް އައިސް މަހުގެ ހަމަ އަގު ހޯދަން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ މަސް ގަތުވުމުގެ ބާޒާރުގެ ވާދަވެރިކަން އިތުރުކޮށް، ބޭރުން މަސް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސުތު ހުޅުވާލުން ކަމަށެވެ.
އަދިވެސް މަސް ކިރުމުން މަސްވެރިޔާއަށް ފައިސާގެ ބަދަލުގައި ނޯޓުކޮޅު ލިބޭކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ މިއަދު އަލުން މަހުގެ ހަމަ އަގު ގެންނަން ކުރަން ޖެހިފައި ވަނީ އެމްޑީޕީގެ ކުރީގެ ސަރުކާރުން ހަމަ ކުރި މަސައްކަތް ކަމަށެވެ. ނަމަވެސް މި ފަހަރު އެ މަސައްކަތް ކުރަން ޖެހޭނީ ގާނޫނީ އޮނިގަނޑު އެކުލަވާލައި އެ އޮނިގަނޑުގެ ތެރެއިން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އަނެއްކާ ވެސް ކުރަން ޖެހިފައި މި އޮތީ އެއް މަސައްކަތެއް. މި ފަހަރު އެ މަސައްކަތް ކުރަން ޖެހޭނީ ގާނޫނީ އޮނިގަނޑުގެ ތެރެއިން" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަސް ގަންނަން މީހަކު ބޭނުމިއްޔާ އެ މީހާއަށް މަސްވެރިޔާގެ އަތުން މަސް ނުގަނެވޭންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. އެކަން ނުކޮށް ބާއްވަން އޮތް ހަމައެކަނި ސަބަބަކީ މަސް ގަންނަ ވިޔަފާރިވެރިޔާގެ ހިމާޔަތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖެއިން ބޭރުން އައިސް މަސް ގަންނަން ބޭނުންވާ އެތައް ބަޔަކު އެބަ ތިބި ކަމަށާއި، އެ ފުރުސަތު އަލުން ހުޅުވާލެވިއްޖެނަމަ މަސް ގަތުމުގެ ބާޒާރަށް އަލުން ވާދަވެރިކަން އަންނާނެ ކަމަށެވެ. އެ ވާދަވެރިކަން އަނެއްކާ ވެސް މަހުގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަކީ އެމްޑީޕީން ވެފައިވާ އެންމެ ބޮޑު އެއް ވައުދު. މަޖިލިސް 19 ވެގެން ދާނީ މަހުގެ ހަމަ އަގު ހޯދައިދޭނެ މަޖިލީހަށް. އެކަމުގެ ގާނޫނީ އޮނިގަނޑު އެކުލަވާލާނަން" ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ