ރައީސް މާލީބަޔާން ހުށަހަޅުއްވާފައި ނުވާ މައްސަލަ މަޖިލީހަށް ހުށަހަޅަން އޭސީސީން ލަފާދީފި

ރައީސް ޔާމީނުގެ މާލީބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ލަފާދީފިއެވެ.
ރައީސް ޔާމީނުގެ މާލީބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅާފައި ނުވާތީ އެމައްސަލަ ބަލައިދިނުމަށް އެދި އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައަކަށް ޖަވާބު ދެއްވަމުން އޭސީސީން ބުނެފައިވަނީ، ރައީސް ޔާމީނުގެ މާލީބަޔާން ހުށަހަޅާފައިވޭތޯ ބެލުމަށް އެ ކޮމިޝަނުން އޮޑިޓާ ޖެނެރަލް އޮފީހަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި 2013 ވަނަ އަހަރުގެ ފަހުން ރައީސްގެ މާލީބަޔާން ލިބިފައި ނުވާކަމަށްބުނެ އޮޑިޓާ ޖެނެރަލް ސޮއި ކުރައްވާފައިވާ ސިޓީއެއް ލިބިފައިވާ ކަމަށެވެ.
އެސީސީގެ ޖަވާބުގައި ބުނެފައިވަނީ، ރައީސްގެ މާލީބަޔާން ހުށަހަޅާފައިވޭތޯ ބެލުމަކީ އޮޑިޓާ ޖެނެރަލް އޮފީހުގެ ޒިންމާއެއް ކަމަށެވެ. އެހެންނަމަވެސް ބަޔާން ނުލިބުމުގެ ސަބަބުން އެކަމަށް ފިޔަވަޅެއް އަޅާފައި ނުވުމަކީ އޮޑިޓާ ޖެނެރަލްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ކަމެއް ނޫން ކަމަށް ބުނެފައި ވެއެވެ. އެހެންވީމާ އެ ކޮމިޝަނަށް ރައީސްގެ މާލީބަޔާނާ ގުޅޭ މައްސަލަ ބެލެން ނެތް ކަމަށާއި އެމައްސަލަ އިތުރަށް ބަލައި ކުރިޔަށް ގެންދަން ބޭނުންވާނަމަ މަޖިލީހުގެ މާލިއްޔަތު ކޮމިޓިއަށް ހުށަހެޅުމުން މައްސަލަ ކުރިޔަށް ގެންދެވިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ބުނެފައިވެއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ފެށިގެން އިިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީނުގެ މާލީބަޔާން ހުށަހަޅުއްވާފައި ނުވާކަމަށް ބުނެ ގިން ތުހުމަތުތަކެއް ކޮށްފައެވެ.
ގައުމުގެ ވެރިއަކަށް ހުންނަ މީހަކީ އާދައިގެ ރައްޔިތެއް ނޫން ކަމަށާއި، ރައީސް ޔާމީނު ވެރިކަމަށް ވަޑައިން އެމަނިކުފާނުގެ އަމިއްލަ ގެ އަޅަމުން ދިޔުމާއި، އެމަނިކުފާނުގެ ފުރިހަމަ މުސާރަ ނުނަންގަވާ ކަމަށް ވިދާޅުވުމަށްފަހު ފަހުން އާއިލާގެ ހަރަދުތަކަށް ބޭނުންފުޅުވާތީ ފުރިހަމަ މުސާރަ ނަންގަވާ ކަމަށް ވިދާޅުވެފައިވާއިރު އެފަދަ އެއްވެސް ކަމެއް އެނގެން ނެތުން ވަރަށް ބޮޑަށް ކުށްވެރިކޮށް އިއްތިހާދުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައީސްގެ މާލީބަޔާން ރައްޔިތުންނަށް ބޮޑު ކަންބޮޑުވުމަކަށްވެ އެވާހަަކަ ފެތުރެން ފެށުމުން ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ އެވާހަކަތައް ދޮގު ކުރައްވާފައެވެ. އެހެންނަމަވެސް ބަޔާން ހުށަހަޅުއްވާފައިވޭތޯ ބެލުމަށް އޭސީސީން އޮޑިޓާ ޖެނެރަލް އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގައި އެއޮފީހުން ވަނީ 2013 ވަނަ އަހަރުން ފެށިގެން ބަޔާން ލިބިފައި ނުވާކަން ކަށަވަރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ