ކޯޓްތަކާއި ޝަރުއީ ދާއިރާގެ ތަރައްގީއަށް ދައުލަތުގެ މާލީ ސަޕޯޓް ފުރިހަމައަށް ދެއްވުމަށް އުއްތަމަ ފަނޑިޔާރު އިލްތިމާސް ކުރައްވައިފި

ދިވެހިރާއްޖޭގެ ކޯޓްތަކާއި ޝަރުއީ ދާއިރާއަށްގެ ތަރައްގީއަށް ދައުލަތުން ދެއްވަންޖެހޭ މާލީ ސަޕޯޓް ފުރިހަމައަށް ދެއްވުމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އިލްތިމާސް ކުރައްވައިފިއެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓް ސުޕްރީމް ކޯޓުގެ 10 ވަނަ އަހަރީ ދުވަސް ފަހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުގެ އިދާރީ އޮނިގަނޑު ޒަމާނަށް ފެތޭގޮތަށް އިސްލާހް ކުރަންޖެހޭ ކަމަށެވެ. އަދި އެކަން ކުރަންޖެހޭނީ ވީހާވެސް ހަރަދު ކުޑަކޮށް، ކޯޓުގެ މަސައްކަތްތައް ގާބިލްކަމާއި އަވަސްކަމާއެކު ކަމަށްވެސް އުއްތަމަ ފަޑިޔާރު ވިދާޅުވިއެވެ.
ކޯޓްތަކަށް އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ހޯދައި ފުރިހަމަ ކޮށްދެވެން ޖެހޭކަން ފާހަގަ ކުރައްވާ އުއްތަމަ ފަޑިޔާރު ވިދާޅުވީ، ޒަމާނަށް އަންނަ ބަދަލުތަކާ އެއްވަރަށް ރާއްޖޭގެ ކޯޓްތައް ތަރައްގީކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާ ގުޅުންހުރި ފަރާތްތަކުގެ އިތުބާރާއި އިހްތިރާމް ލިބިގެންވާ ނިޒާމްތައް ރާއްޖޭގެ ކޯޓްތަކުގައި ހެދޭނީ ބަޖެޓަރީ ސަޕޯޓް ފުރިހަމައަށް ލިބިގެން ކަމަށެވެ. ބަޖެޓުގެ ދަތިކަމަށްވެސް ކުރިއަށްއޮތްތާ އެދެވޭ ހައްލެއް ލިބިގެން ދިއުމަށް އުންމީދު ކުރައްވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަޑިޔާރު ވިދާޅުވީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލަޖީގެ ވަސީލަތްތައް ކޯޓުތަކުގައި އެކަށީގެންވާ ގޮތެއްގައި ގާއިމްކުރެވި، އޭގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން އެބަޖެހޭ ކަމަށާއި، ފަޑިޔާރުންނާއި މުވައްޒަފުނަށް ބޭނުންވާ ރައްކާތެރިކަމާއި ސަލާމަތްތެރިކަންވެސް މިހާރު ކަށަވަރުކޮށް ދެވެންޖެހޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ކަނޑައަޅާ ސިޔާސަތުތަކާއި މަސައްކަތްކުރާ އެންމެ އިސް މުއައްސަސާއަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓޭޝަން ކަމަށާއި އެމުވައްސަސާގެ މަސައްކަތްތައް ދުވަހުން ދުވަހަށް ހަލުވި ސްޕީޑެއްގައި ނިންމައި ވަރުގަދަ ވާންޖެހޭ ކަމަށްވެސް އުތަމަޑަ ފަނޑިޔާރު ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހި ރާއްޖޭގެ ސަރުއީ ނިޒާމްގެ ތަރައްގީގައި ކުރިއެރުން ކަށަވަރު ކުރުމަށްޓަކައި މިހާރުވެސް ކުރާ މަސައްކަތުގައި އެންމެ މުހިންމު އެއްބަޔަކީ ރާއްޖޭގެ ސުޕުރީމް ކޯޓުގެ ދަށުން 2015 ވަނަ އަހަރު އުފެއްދި ދިވެހިރާއްޖޭގެ ޖުޑިޝަލް އެކަޑަމީ .ކަމަށް އުއްތަމަ ފަޑިޔާރު ވިދާޅުވިއެވެ. އެ އެކަޑަމީ އުފެއްދިއިރު ކަނޑައެޅި އަމާޒްތަކަށް ވާސީލްވުމުގެ ފުރިހަމަ ގާބިލްކަން ލިބިގެންވާ މުއައްސަސާއެއް ކަމުގައި އެތަންވެސް ތަރައްގީވެގެން ދިއުމަށް އުންމީދު ކުރައްވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މިރޭގެ ހަފުލާގައި ސްޕުރިމް ކޯޓުގެ 10 އަހަރު ރަމްޒުކޮށްދޭ ފޮތް އިފްތިތާހް ކުރުމުގެއިތުރުން ސުޕްރީމް ކޯޓުގެ އާ ވެބްސައިޓު ލޯންޗްކޮށް، އެކޯޓަށް ދިގުމުއްދަތަށް ހިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެކަމުގެ ހަނދާނީ ލިޔުން ދީފަ އެވެ. އަދި މައްސައްކަތުގެ ފެންވަރު ބެލުމަށް 70 އިންސައްތައިން މަތި ހާސިލް ކޮށްފައިވާ މުވައްޒަފުންނަށް ހަދާނި ލިޔުން ދިނުން ވެސް މިރޭގެ ރަސްމިއްޔާތުގައި އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ