ޖޭޕީގެ މެންބަރު ލަތީފު އަމިއްލަ ގޮތުން ދިއްދޫ ދާއިރާގެ ގޮނޑިއަށް ނިކުންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދު 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަމަ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމަވައިފި އެވެ.
މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި އެކަން އިއުލާން ކުރައްވަމުން ލަތީފު ވިދާޅުވެފައިވަނީ، ދިއްދޫގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމުގެ މަތިން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާއަށް ރައްޔިތުންގެ މެންބަރެއްގެ ގޮތުގައި ކުރިމަތި ލައިފިން ކަމަށެވެ.
ލަތީފު މިހާރު ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގަ އެވެ.
ދިއްދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވަން ލަތީފު ނިންމެވީރު އެ ދާއިރާއަކީ މިހާތަނަށް ޖޭޕީން މަޖިލިސްޓިކެޓް އަދި އެއްވެސްފަރާތަކަށް ދީފައިވާ ދާއިރާއެއްނޫނެވެ.
"ވަން އޮންލައިން"އަށް މައުލުމާތު ދެއްވަމުން ލަތީފް މިއަދު ވިދާޅުވީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް އިނިްތިހާބުގައި އަމިއްލަގޮތުން ވާދަކުރުމުގެ ފުރުސަތު ގާނޫނުން ލިބޭ ކަމަށެވެ.
ނަމަވެސް އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް ހޮވިއްޖެނަމަ އެ މެންބަރަކު ހިމެނިގެންދާނީ އަމިއްލަ މެންބަރެއްގެ ގޮތުގަ އެވެ.
މިފަހަރު ލަތީފް އިންތިހާބަށް ނިކުންނަވަނީ، "ދިއްދުއަށް ރަނގަޅުވާނީ ހަމަ ލަތީފް" މި ޝިއާރުގެ ދަށުންނެވެ.
ލަތީފް ވިދާޅުވީ، ކުރިންވެސް ޕާޓީތަކުން އެއްބަސްވެފައިވާ ގޮތަށް، ކުރީގެ ރައީސް ޔާމީނާ ދެކޮޅަށް ނިކުންނެވި ރައްޔިތުންގެ މަޖިލީހުގެ، (ގޮނޑިގެއްލުނު) 12 މެންބަރުން ވާދަކުރާ ދާއިރާތަކަށް ކޯލީޝަންގައި އެމްޑީޕީ ނޫން އެހެން ޕާޓީތަކުން ވާދަ ނުކުރާނެ ކަމަށެވެ.
"ކުރިންވެސް އެއްބަސް ވެފައިވާގޮތަށް ކޯލީޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާއި ރައީސް މައުމޫނުގެ ފަރާތުން އަޅުގަނޑުމެން 12 މެންބަރުން ވާދަކުރާ ދާއިރާތަކަށް މެންބަރުން ކުރިމައްްޗެއް ނުލާނެ. އެމްޑީޕީން ވަނީ އެއްބަސް ވުމާ ޚިލާފުވެފަ،" ލަތީފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާކަން ލަތީފް އިއުލާން ކުރައްވާފައިވަނީ، ފަސް ވައުދަކާވެސް އެކުގަ އެވެ. އޭގެ ތެރޭގައި، 3 ޒުވާނަކަށް ޕައިލެޓްކަން ކިޔަވައިދިނުމާއި، ޑިގްރީ ފެންވަރަށް ނާސިން ކޯސް ފުރިހަމަކުރުމުގެ ފުރުސަތު 3 ޒުވާނަކަށް ހޯދައިދިނުމާއި، ދިއްދޫގައި ހާފިޒުން އުފެއްދުމަށް އެހީތެރިވުމުގެ ގޮތުން، ރަށުގެ ގުރުއާން ކުލާސްތަކަށް 2 ހާފިޒުން ގެނެސްދިނުމާއި، ރަށުގެ އުތުރާއި ދެކުނުގައި އެންމެ ޒަމާނީ ފެންވަރުގެ އައުޓްޑޯ 2 ޖިމް ގާއިމުކޮށްދިނުމާއި، ސްމިވިން ޓްރެކެއް އަޅައިދިނުން ހިމެނެ އެވެ.
ދާއިރާގެ ރައްޔިތުންނަށް ލަތީފު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ނިމިގެންމިދާ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާތަކަށް އެންމެ ގަވާއިދުން ހާޒިރުވި މެންބަރުންގެ ތެރޭގައި ހިމެނޭނެ ކަމަށާއި ދިއްދޫގެ ތަރައްގީއަށް ބޭނުންވާ އެކިއެކި މަޝްރޫއުރުތައް ބަޖެޓްގައި ހިމެނުމަށް އަޑުހަރުކޮށް ވަކާލާތުކޮށް، ދިއްދޫގައި ބިޔަ ބޮޑު މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމައިދީފައިވާނެ ކަމަށެވެ.
އެގޮތުން ރަށުގެ މަގުތަކުގައި ތާރު އެޅުމާއި، ގޭގެއަށް ސާފު ބޯފެން ފޯރުކޮށްދިނުމާއި، ރަށުގެ ގިރާ ސަރަހައްދުގައި ބޮޑު ހިލަ ޖެއްސުމުގެ އިތުރަށް ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ދާއިރާގެ ތަރައްގީއަށް ހިންގާފައިވާ މަޝްރޫއުތައް ފާހަގަކޮށްލެވޭ ކަމަށް ލަތީފް ވަނީ ދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ