ކުޑަކުދިން ލައްވައި ޑްރަގް ވިއްކުވި އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިލި، އެތެންސް، މުޙައްމަދު ޢަޠޫފް ޙަބީބް (25އ) އާއި ގއ. ވިލިނގިލި، ދެތަޑިމާގެ، މުޙައްމަދު ރާއިފް ޙުސައިން (20އ) އެވެ. މި މީހުން ހައްޔަރުކޮށް ފުލުހުން ބުނެފައިވަނީ، މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރެވުނު ފަރާތްތަކަކީ މި ނެޓްވޯކުގެ އިސް ފަރާތްތައް ކަމުގައި ފާހަގަކުރެވޭ ދެ މީހުން ކަމަށެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ޢަޠޫފް 15 ދުވަހަށް ބަންދު ކުރުމަށް އަދި މުޙައްމަދު ރާއިފް ޙުސައިން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ބަންދުގެ މުއްދަތު ހަމަވުމުން، ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މި މައްސަލައިގަ ހިމެނޭ މުޙައްމަދު ޢަޠޫފް ޙަބީބް (25އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، މި މައްސަލާގައި ދެން ހިމެނޭ ރާއިފް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައެވެ.
ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ ޑްރަގާ ބެހޭ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކުގެ ދަށުން، ޑްރަގް ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓް ކުރެވޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހިންގި މަސައްކަތެކެވެ. އަދި މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ކުށްތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ